އިންޑިއާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "އަމުލް" ބްރޭންޑްގެ ކިރުގެ އުފެއްދުންތައް، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ޖެނެރަލް ޓްރޭޑިންގއިން ރާއްޖޭގެ ބާޒާރަށް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.
އެސްޓީއޯއިން މި އުފެއްދުންތައް ތަޢާރަފުކޮށްފައިވަނީ ހުޅުމާލެ ސިންތަޓިކް ޓްރެކްގައި މިހާރު ކުރިއަށްދާ ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ތެރެއިން، އެ ކުންފުނީގެ ސްޓޯލްގައި ބޭއްވި ޚާއްސަ ޙަފުލާއެއްގައެވެ. މި ޙަފުލާގައި އަމުލް ބްރޭންޑްގެ އުފެއްދުންތައް ތަޢާރަފުކޮށްދެއްވީ އެސްޓީއޯގެ އެކްސްކޯ މެންބަރުންނެވެ.
އަމުލްއަކީ ކިރުގެ އެކި އުފެއްދުންތަކަށް ޚާއްސަ އިންޑިއާގެ އެންމެ ބޮޑު އެއް ބްރޭންޑެވެ. މި ނަމުގެ އަސްލު މާނައަކީ "އާނަންދު މިލްކް ޔޫނިއަން ލިމިޓެޑް" އެވެ. އަދި މި ބްރޭންޑް މުޅި ދުނިޔޭގައިވެސް މަޝްހޫރުވެފައިވަނީ "ދަ ޓޭސްޓް އޮފް އިންޑިއާ" ގެ ގޮތުގައެވެ.
އެސްޓީއޯއިން މަޢުލޫމާތު ދެއްވި ގޮތުގައި، އަމުލް ބްރޭންޑްގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ކިރާއި، ބަޓަރު، ޗީޒް އަދި އައިސްކްރީމްގެ އެކި ބާވަތްތައް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން މިހާރު ލިބެން ހުންނާނެއެވެ. މީގެއިތުރުން އެގްޒިބިޝަންގައި ހުންނަ އެސްޓީއޯގެ ސްޓޯލުން އަމުލްގެ ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮނިކާތަކެއްޗާއި އައިސްކްރީމް ލިބެން ހުންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި އުފެއްދުންތަކާ ގުޅޭގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޭލްސް މެނޭޖަރ އައިޝަތު ނަޒާހަތު ވިދާޅުވީ، އަމުލް ބްރޭންޑަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޤްބޫލު، ހުރިހާ ރަހަތަކަކާވެސް ގުޅޭ ފުރިހަމަ ބްރޭންޑެއް ކަމަށެވެ.
އަމުލް ބްރޭންޑަކީ މިހާރު ދުނިޔޭގައިވެސް ވަރަށް މަޝްހޫރު ބްރޭންޑެއް. މި ބްރޭންޑްގެ ޕްރޮޑަކްޓް ރޭންޖުގެ ތެރޭގައި މިލްކް، ޔޯގަޓު، އައިސްކްރީމް އަދި އިންޑިއާގެ މީހުންނަށް ޚާއްސަ އަދި އަޅުގަނޑުމެން ދިވެހިންވެސް ލޯބިކުރާ ގުލާބް ޖާމު ކަހަލަ ބައިވަރު ތަކެތި ހަމަ އަމުލް ބްރޭންޑުން ލިބިގެންދާނެ.
ނަޒާހަތު
ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ އެސްޓީއޯ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކޮފީސްޓޭޓްގެ ހޮވާލެވޭ މީރު ބުއިންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތުގެ އިތުރުން، ޕްރޮމޯޝަނަލް ޚާއްސަ ހަރަކާތްތަކެއްވެސް ވަނީ ރާވާފައެވެ. އެގޮތުން "ރެޖިސްޓަރ އެންޑް ވިން" ހަރަކާތުގެ ދަށުން، ސްޓޯލްގައި ރަޖިސްޓްރީވާ ފަރާތްތަކުގެ މެދުގައި ކޮންމެ ދުވަހަކު ގުރުއަތުލައިގެން ނަސީބުވެރި އެއްފަރާތަކަށް އަގުހުރި އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި "ފޮލޯ އެންޑް ވިން" ހަރަކާތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ޕޭޖް ފޮލޯކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ޑިޝްވޮޝަރއެއް ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
މިމަހުގެ 28 އިން ފެށިގެން 30 ގެ ނިޔަލަށް ކުރިއަށްދާ މި އެގްޒިބިޝަނަށް ޒިޔާރަތްކޮށް މި އުފެއްދުންތަކުގެ މަޢުލޫމާތާއި ރަހަތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ޢާންމުންނަށް ވަނީ ހުޅުވާލެވިފައެވެ.

