ދިވެހިރާއްޖޭގެ ދެ ދާއިރާއަކުން އަގުތައް ދަށަށް ދިއުމާ ގުޅިގެން، ވޭތުވެދިޔަ އޮގަސްޓް މަހު މުދަލާއި ޚިދުމަތުގެ އަގުތައް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިގޮތުން އޮގަސްޓް މަހު އަގުތައް މައިގަނޑު ގޮތެއްގައި ދަށަށް ގޮސްފައިވަނީ ކަރަންޓާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއިންނެވެ.
އެމްބީއެސްގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހު ރާއްޖޭގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީޕީއައި) ވަނީ %1.15 ދަށަށް ގޮސްފައެވެ. އަގުތައް ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ކަރަންޓާއި ވައިގެ ދަތުރުފަތުރުގެ އަގު ހެޔޮވުމެވެ. މިގޮތުން އޮގަސްޓް މަހު ކަރަންޓުގެ އަގު %3.21 ދަށަށް ގޮސްފައިވާއިރު، ވައިގެ ދަތުރުފަތުރުގެ އަގު ވަނީ %2.80 ހެޔޮވެފައެވެ. މީގެ އިތުރުން ދުންފަތުގެ ބާވަތްތަކުގެ އަގު ވަނީ %25.45 ގެ ބޮޑު މިންވަރަކަށް ދަށަށް ގޮސްފައެވެ.
ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހުގެ އަގުތައް %1.15 ދަށަށް ދިޔަ ނަމަވެސް، މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަހު އަގުތައް ހުރީ %0.76 މަތީގައެވެ. އެހެންކަމުން، މަހުން މަހަށް އަގުތައް ދަށަށް ދިޔަ ނަމަވެސް، އަހަރުން އަހަރަށް ބަލާއިރު އަގުތައް އުފުލިފައިވާކަން އެމްބީއެސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މަހުން މަހަށް އައި މި ބަދަލަކީ ގޭބިސީތަކުން އާންމުކޮށް ގަނެއުޅޭ ތަކެތީގެ އަގަށް އައި އެވްރެޖް ބަދަލެއް ކަމަށްވާއިރު، ބައެއް ބާވަތްތަކުގެ އަގު ވަނީ އުފުލިފައެވެ. އެގޮތުން ކިރުގެ އުފެއްދުންތަކާއި ބިހުގެ އަގު %1.99 އުފުލިފައިވާއިރު، މޭވާއާއި ތަރުކާރީގެ އަގު ވަނީ %1.19 ބޮޑުވެފައެވެ. އަދި މަހުގެ ބާވަތްތަކުގެ އަގު ވަނީ %0.83 އުފުލިފައެވެ.
ޚިދުމަތްތަކުގެ އަގުތަކަށް ބަލާއިރު، މުވާސަލާތީ ޚިދުމަތްތަކުން %2.23، ގެސްޓްހައުސްތަކުގެ އަގުތަކުން %2.72، އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ހޮޓާތަކުގެ އަގުތަކުން %0.68 ވަނީ އުފުލިފައެވެ. މީގެ އިތުރުން ސިއްހީ ޚިދުމަތްތަކުގެ އަގު ވަނީ %0.99 މައްޗަށް ގޮސްފައެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަލާއިރު، ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހު މާލޭގެ ސީޕީއައި އިންޑެކްސް ވަނީ %1.57 ދަށަށް ގޮސްފައެވެ. އަދި އަތޮޅުތެރޭގައި މި އަދަދު ވަނީ %0.54 ދަށްވެފައެވެ.
ކޮންސިއުމަރ ޕްރައިސް އިންޑެކްސްއަކީ ގޭބިސީތަކުން ބޭނުންކުރާ ތަކެއްޗާއި ޚިދުމަތްތަކުގެ އަގަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންކުރާ މައިގަނޑު މިންގަނޑެކެވެ. ރާއްޖޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލޭ މިންވަރު ދެނެގަތުމަށްޓަކައި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކޮންމެ މަހަކުވެސް މާލެއާއި އަތޮޅުތެރެ ހިމެނޭހެން 9,500 އަށްވުރެ ގިނަ ތަކެއްޗާއި ޚިދުމަތުގެ އަގުތައް އެއްކުރަމުން ގެންދެއެވެ.

