ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައިވާ އައު ސީޕްލޭން ޓާމިނަލް ރަސްމީކޮށް ހުޅުވައިފިއެވެ.
މި ޓާމިނަލް ރަސްމީކޮށް ހުޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އަލްފާޟިލް މުޙައްމަދު އަމީންއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް އިޔާސްއާއި، އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މުޅި އިމާރާތް އެއްކޮށް ލަގްޒަރީ ފެންވަރަށް ބަދަލުކޮށްފައިވާ މި ޓާމިނަލަކީ، ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ އެހެނިހެން ހިއްސާދާރުންނާ މަޝްވަރާކޮށްގެން، ރާއްޖެ އަންނަ ފަތުރުވެރިންނަށް އެންމެ ފުރިހަމަ އަދި ހިތްގައިމު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ތަރައްޤީކޮށްފައިވާ ތަނެކެވެ. އެގޮތުން، މި ޓާމިނަލް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ސަގާފަތް ދައްކުވައިދޭ ޚާއްޞަ ތީމަކަށެވެ. މީގެއިތުރުން، މި ޓާމިނަލަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ޔުނީކް އޯޑިއޯ ތީމެއް ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، ކުރީގެ ޓާމިނަލާ ޚިލާފަށް އައު ޓާމިނަލްގެ އާންމު ސަރަޙައްދުތައް ހިމެނޭހެން މުޅި ތަން ވަނީ ފުރިހަމައަށް އޭސީކޮށްފައެވެ.
މި ޓާމިނަލްގައި ހިމެނޭ ޚާއްޞަ ޚިދުމަތްތަކަށް ބަލާއިރު، "ހުވަނދުމާ" ލައުންޖްގެ އިތުރުން މަތީ ފަންގިފިލާގައި 2 ޕްރައިވެޓް ލައުންޖާއި، ކުޑަކުދިން ކުޅޭނެ ޚާއްޞަ ސަރަޙައްދަކާއި، މޯލްޑިވިއަންގެ އަމިއްލަ ބްރޭންޑްގެ ސުވެނިއަރ އަދި ކާބޯތަކެތި ލިބޭނެ ކިއޮސްކެއް ހިމެނެއެވެ. ޖާގައިގެ ގޮތުން ތަނަވަސް މި ޓާމިނަލްގެ އެތެރޭގައި އެއްފަހަރާ 90 މީހުންނަށް އަދި ބޭރުގައި 40 މީހުންނަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން ލިބިފައިވެއެވެ.
މުޅިން އައު އަރާމު ފަރުނީޗަރާއެކު ޒީނަތްތެރިކޮށްފައިވާ މި ޓާމިނަލްގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، އެހެން އޮޕަރޭޓަރުންގެ ޓާމިނަލްތަކާ ތަފާތުކޮށް ހަދާފައިވާ ހިތްގައިމު ގާޑަން އޭރިއާއާއި، ސީޕްލޭންތައް ދަތުރުކުރާ ވޯޓާވޭ ސާފުކޮށް ފެންނަ ގޮތަށް ތައްޔާރުކޮށްފައިވާ ވިއުއިންގ ޑެކެވެ.
މި މަޝްރޫޢުގައި ތިމާވެށި ރައްކާތެރިކުރުމަށް ޚާއްޞަ އިސްކަމެއް ދީފައިވާއިރު، ޕްލާސްޓިކް ކަނޑަށް އެޅުން ހުއްޓުވުމަށްޓަކައި ވޭސްޓް ބޮޓްލް ރީސައިކަލް ކުރެވޭނެ ނިޒާމު ވަނީ ޤާއިމުކޮށްފައެވެ. އަދި ދަތުރުވެރިން އުފުލުމަށް ބީވައިޑީގެ ބެޓެރި ވެހިކަލްތައް ބޭނުންކުރަން ފަށާފައިވާއިރު، މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އައު ތަމްރީނު ގައިޑްލައިންތަކެއް ތަޢާރަފްކޮށް، މުވައްޒަފުންނަށް ޚާއްޞަ ކެންޓީނުގެ ޚިދުމަތްވެސް މިހާރު ވަނީ ފަށާފައެވެ.
މޯލްޑިވިއަންގެ ސީޕްލޭން ފްލީޓުގައި މިވަގުތު 11 ބޯޓު އޮޕަރޭޓް ކުރަމުންދާއިރު، އިތުރު 2 ސީޕްލޭން ގެނައުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ. އަދި މިހާރުވެސް ރާއްޖޭގެ 4 ރަށަކަށް މޯލްޑިވިއަނުން ސީޕްލޭންގެ ދަތުރުތައް މެދުކެނޑުމެއްނެތި ދަނީ ފޯރުކޮށްދެމުންނެވެ.

