ރާއްޖެއިން ބޭރުގައި ރަޖިސްޓްރީވެގެން މަސައްކަތް ކުރާ ފަތުރުވެރިކަމުގެ އެކި ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމަށްޓަކައި، މުދަލާއި ޚިދުމަތުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި 8 ވަނަ އިސްލާހަށް ޢަމަލުކުރަން ފަށައިފިއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ، ޤާނޫނާއި ގުޅިގެން ހަދަންޖެހޭ އެންމެހައި ޤަވާއިދުތައް އެކުލަވާލުމަށްފަހު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް އެ ވިޔަފާރިތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ދިނުމަށް ފަހުގައެވެ.
މިއީ ރާއްޖޭގެ ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ގެނައި މުހިންމު އިސްލާހެކެވެ. މިއިސްލާހުގެ ދަށުން ރާއްޖޭގައި 'ޑެސްޓިނޭޝަން ޕްރިންސިޕަލް' ތަންފީޒުކުރަން ފެށުމަށްޓަކައި، އޮފްޝޯ ބުކިންގ ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ޚިދުމަތުގެ އަގުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، މިފަދަ ފަރާތްތަކުން ޓެކްސް ދައްކަން ޖެހޭނީ ފަތުރުވެރިކަމުގެ ޖީއެސްޓީ ރޭޓް ކަމުގައިވާ 17 އިންސައްތައިގައެވެ.
މި އިސްލާހުގައި ބުނެފައިވާ ގޮތުގައި، އެއްވެސް ފަރާތަކުން ރާއްޖޭގައި ހުރި އެ ފަރާތެއްގެ ވިޔަފާރި ހިންގާ ތަނަކުން ޚިދުމަތް ދީފިނަމަ އެއީ ރާއްޖޭގައި ދޭ ޚިދުމަތެއްގެ ގޮތުގައި ބެލެވޭނެއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ނުވިނަމަވެސް، ޚިދުމަތް ފޯރުވައިދިން ވަގުތު ރާއްޖޭގައި ހުރި ފަރާތަކުން އެ ޚިދުމަތުގެ އަމަލީ މަސައްކަތް ރާއްޖޭގައި ކޮށްފިނަމަ ނުވަތަ އެއީ ރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކާ ގުޅޭ ޚިދުމަތެއް ނަމަ އެއީވެސް ރާއްޖޭގައި ފޯރުވައިދިން ޚިދުމަތެއްގެ ގޮތުގައި ބެލެވޭނެއެވެ.
މީގެ އިތުރުން، ޓެކްސް ނެގޭ ހަރަކާތް ހިންގާ ވިޔަފާރީގެ ދާއިމީ ތަނެއް ރާއްޖޭގައި ނެތް ނަމަވެސް، އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ރާއްޖޭގައި ފޯރުވައިދޭނަމަ ޖީއެސްޓީ ނެގުން ލާޒިމުވާނެ ކަމަށް ޤާނޫނުގައިވެއެވެ. އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ ރާއްޖޭގައި ހިންގާ އެކޮމޮޑޭޝަނާއި، ކެއުމާއި، ދަތުރުފަތުރު ފަދަ ފަތުރުވެރިކަމާ ގުޅުންހުރި ހަރަކާތްތަކެވެ.
މީރާއިން މިހާރު ވަނީ މިފަދަ ވިޔަފާރިތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައި، ޖީއެސްޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ އުސޫލުތައް އާންމުކޮށްފައެވެ. އަދި މީރާގެ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް މިކަންކަން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސައި، މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ އީމެއިލް އެޑްރެހަކާއި ވަޓްސްއެޕް ނަންބަރެއްވެސް ވަނީ ތަޢާރަފުކޮށްފައެވެ. ނަމަވެސް، މި އިސްލާހުގެ ސަބަބުން މިހާރު ރާއްޖޭގައި ޓެކްސް ދައްކަމުންދާ ފަރާތްތަކުން ޢަމަލުކުރާ އުސޫލަކަށް އަދި ދައްކާ މިންވަރަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މީރާއިން ވިދާޅުވެއެވެ.
ދާއިމީ ތަނެއް ރާއްޖޭގައި ނެތް ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ބުކިންގ ޕްލެޓްފޯމުތަކުން ޓެކްސް ނަގަން ފެށުމާއެކު، ދައުލަތުގެ އާމްދަނީއަށް އަހަރަކު ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ.

