ތުރުކީވިލާތުގެ އިސްތަންބޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ 11 ވަނަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ހަލާލް އެގްޒިބިޝަން އަދި 12 ވަނަ ވޯލްޑް ހަލާލް ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ވިޔަފާރިތަކަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މި މައުރަޒާއި ސަމިޓް ބޭއްވުމަށް ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 25 އިން 28 އަށެވެ.
މި ހަރަކާތުގައި ރާއްޖޭގެ ކުންފުނިތަކާއި ހަލާލް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވުމަށް، މައުރަޒު އިންތިޒާމުކުރާ ފަރާތުން ދަޢުވަތު އަރުވާފައިވާކަން ތުރުކީވިލާތުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މައުރަޒުގެ މައިގަނޑު އެއް މަޤްޞަދަކީ މި ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނާއި، އިންވެސްޓަރުން، އަދި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މި މައުރަޒުގައި ހަލާލް ކާބޯތަކެތި، ކޮސްމެޓިކްސް، ފައިނޭންސް، ފެޝަން، ޓޫރިޒަމް އަދި ހެލްތްކެއާ ފަދަ ތަފާތު އެކި ދާއިރާތަކުގެ އައު އުފެއްދުންތައް ދައްކާލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.
މީގެއިތުރުން، މި މައުރަޒުގެ ސަބަބުން ރާއްޖެއަށް އިންވެސްޓްމަންޓާއި އެކްސްޕޯޓް އިތުރުވެ، އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި ހަލާލް ސިނާއަތުގެ މުހިންމު މައުޟޫތަކާ ގުޅޭގޮތުން ބާއްވާ ކޮންފަރެންސްތަކާއި، ޕެނަލް ޑިސްކަޝަންތަކުގެ ޒަރީއާއިން މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމުގެ އަގުހުރި ފުރުސަތުތަކެއްވެސް ލިބިގެންދާނެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ދަތުރުފަތުރާ ބެހޭ ވުޒާރާއިން އަބަދުވެސް އަންނަނީ ރާއްޖެއިން ބޭރުގައި ބާއްވާ އެކިއެކި މައުރަޒުތަކުގައި ދިވެހި ވިޔަފާރިތަކަށް ބައިވެރިވުމުގެ މަގު ފަހިކޮށްދީ، ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރުގެ މާކެޓްތަކަށް ތަކެތި ވިއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދެމުންނެވެ.
ވީމާ، މި މަޢުރަޒު އަދި ސަމިޓުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، ރަސްމީ ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު، އެ މައުލޫމާތު [email protected] އަށް އީމެއިލް ކުރެއްވުމަށް ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.

