އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް) 2026 ގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ. ބީއެމްއެލްއަކީ މިއަހަރު ބޭއްވި އިންޒެކް 2025 ގެ ވެސް ޕްލެޓިނަމް ސްޕޮންސަރެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވީ، ބީއެމްއެލްއަކީ އެ އިދާރާގެ މަސައްކަތްތަކަށް އަބަދުވެސް އެހީތެރިވެދޭ މުހިންމު ބައިވެރިއެއް ކަމަށެވެ. އެގޮތުން ޒަކާތާ ގުޅުންހުރި މުހިންމު މަސައްކަތްތަކަކަށް ބީއެމްއެލުން އަބަދުވެސް ދަނީ އެއްބާރުލުން ދެމުންނެވެ. އޭގެ ތެރޭގައި ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ފަހިކޮށްދިނުމާއި، ފަސޭހަކަމާއެކު ލިބެން ހުންނަ ބޭންކިންގ ޚިދުމަތްތައް މެދުވެރިކޮށް އާންމު ރައްޔިތުންނަށް ޒަކާތުގެ މަތިވެރި ވާޖިބު އަދާކުރުމަށް މަގުފަހިކޮށްދިނުން ފާހަގަކޮށްލެވެއެވެ.
ޒަކާތު ހައުސްއިން ފާހަގަކުރެއްވި ގޮތުގައި، މި ދެމެހެއްޓެނިވި ގުޅުމަކީ އިޖުތިމާޢީ ރައްކާތެރިކަމާއި، ފައިނޭންޝަލް އިންކްލޫޝަން އަދި ރާއްޖޭގައި ޒަކާތް ބަލައިގަތުމާއި ބެހުމުގެ ނިޒާމު ހަރުދަނާކުރުމަށް މަގުފަހިކުރާ ކަންކަމަށް އެއްބާރުލުން ދިނުމުގައި ބީއެމްއެލުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.
ޒަކާތާ ގުޅުންހުރި ޒަމާނީ މައްސަލަތަކާއި ފުރުޞަތުތަކާ މެދު މަޝްވަރާކުރުމަށް ޢިލްމުވެރިންނާއި، މާހިރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން މި ދާއިރާގެ ޢަމަލީ މަސައްކަތްތެރިން އެއް ތަނަކަށް ޖަމާކޮށްދޭ މި ބައިނަލްއަޤުވާމީ ކޮންފަރެންސަށް ބީއެމްއެލުން ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، އެ ބޭންކަށް ޒަކާތު ހައުސްއިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އިންޒެކް 2026 އަކީ މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ ތިންވަނަ ކޮންފަރެންސެވެ. މިއީ އިސްލާމިކް ސޯޝަލް ފައިނޭންސް ހަރުދަނާ ކުރުމަށާއި، އިޖުތިމާޢީ އަދި އިޤުތިޞާދީ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި އެ ދާއިރާގެ ދައުރާ ގުޅޭގޮތުން ޢިލްމު ޙިއްޞާ ކުރުމަށާއި މަޝްވަރާކުރުމަށް ފަހިވެގެންދާ ވަރަށް މުހިންމު މަންސައެއް ކަމަށްވެސް ޒަކާތު ހައުސްއިން ވަނީ ހާމަކުރައްވާފައެވެ.

