މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބާއްވާ ގެސްޓްހައުސް ސިމްޕޯސިއަމްގައި ހޮވޭ "ގެސްޓްހައުސް ޗެމްޕިއަން" ރަށަށް ބައި މިލިއަން (500،000) ރުފިޔާގެ އަގުހުރި މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ދިނުމަށް އެ ބޭންކުން ނިންމައިފިއެވެ.
އެމްއައިބީން މައުލޫމާތު ދޭ ގޮތުގައި، މި އިނާމު ލިބޭ ރަށެއް އިއުލާނުކުރުން އޮންނާނީ މި ހިނގާ އޮކްޓޯބަރު މަހުގެ 15 ވާ ބުރާސްފަތި ދުވަހު ބާއްވާ އެ ބޭންކުގެ ގެސްޓްހައުސް ސިމްޕޯސިއަމާއި ގެސްޓްހައުސް އެވޯޑު ހަފުލާގައެވެ. މި ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބާސެލޯ ނަސަންދުރާ ހޮޓެލްގައެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާއިރު، ރަށްރަށުން މިކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެމްއައިބީން ބުނެއެވެ.
މި އެވޯޑު ކާމިޔާބުކުރާ ރަށަކަށް، އެ ރަށެއްގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި މެހެމާނުންނަށް ފައިދާކުރާނެ ފަދަ ތަރައްގީގެ މަޝްރޫއެއް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެމްއައިބީން ހާމަކުރި ގޮތުގައި މި އެހީގެ މައިގަނޑު މަގުސަދަކީ ރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް އެއްބާރުލުން ދިނުމާއެކު، ރަށުގެ ރައްޔިތުންނަށާއި ޒިޔާރަތްކުރާ މެހެމާނުންނަށް އިތުރު ލުއިފަސޭހަކަމާއި ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމެވެ.

