ހުޅުމާލޭގައި ހިންގަމުން އަންނަ "ފްލޯ ސްޓޫޑިއޯ" އިން އިންތިޒާމުކޮށްގެން، ޕިލާޓީސް އިންސްޓްރަކްޓަރުން ތަމްރީނުކުރުމަށް ޚާއްޞަ ބައިނަލްއަޤްވާމީ ފެންވަރުގެ "އިންޓެންސިވް މެޓް ޕިލާޓީސް ޓީޗަރ ސެޓިފިކޭޝަން" ޕްރޮގްރާމެއް މި އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ޕްރޮގްރާމަކީ ފިޓްނަސް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި، ޕިލާޓީސް އިންސްޓްރަކްޓަރެއްގެ ގޮތުގައި ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން، އިތުބާރާއެކު ކްލާސްތައް ނަގައިދިނުމުގެ ޢަމަލީ ހުނަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ތަމްރީނެކެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް އޮންނާނީ 2026 ވަނަ އަހަރުގެ ނޮވެމްބަރު 12 އިން 15 އަށް، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 5:00 އަށް ހުޅުމާލޭގައި ހުންނަ ފްލޯ ސްޓޫޑިއޯގައެވެ. މޮބީ ޕިލާޓީސްއާ ގުޅިގެން ހިންގާ މި ޕްރޮގްރާމް ލީޑުކުރައްވާނީ ބައިނަލްއަޤްވާމީ ފެންވަރުގެ ޕިލާޓީސް މާސްޓަރ ޓްރެއިނަރ، މެލޮޑީ ސޯ އެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލަށް ބަލާއިރު، މާސްޓަރ ޓްރެއިނަރުގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާ 4 ދުވަހުގެ ޢަމަލީ އަދި ނަޒަރީ ކްލާސްތަކަށްފަހު، ބައިވެރިން އިތުރަށް ފަރިތަކުރުމާއި، އަމިއްލައަށް ކިޔަވައިދިނުމުގެ ތަމްރީނުތައް ފުރިހަމަކުރަން ޖެހެއެވެ. އެގޮތުން ޖުމްލަ 200 ގަޑިއިރުގެ ޢަމަލީ ތަމްރީނާއި ޕްރެކްޓިސް ފުރިހަމަކޮށް، އެ މަޢުލޫމާތުތައް ލޮގްކުރަން ޖެހޭނެއެވެ.

މި މަރުޙަލާއަށްފަހު، 5 މަސްދުވަސް ފަހުން ބައިވެރިންގެ ތިއަރީ އިމްތިޙާނާއި ޢަމަލީ (ޕްރެކްޓިކަލް) އިމްތިޙާނު އޮންނާނެއެވެ. ޢަމަލީ އިމްތިޙާނު ކުރިއަށްދާނީ "މޮބީ ޕިލާޓީސް" ގެ ޓީމު ރާއްޖެ އައިސް، ކެމެރާ ސެޓަޕްތަކާއެކު ވަރަށް ފުރިހަމައަށް ބަލައި ވަޒަންކުރުމަށްފަހުގައެވެ. މި އިމްތިޙާނުތަކުން ފާސްވުމުން، އަމިއްލައަށް ޕިލާޓީސް ކްލާސްތައް ނަގައިދިނުމުގެ ރަސްމީ އިންސްޓްރަކްޓަރ ސެޓިފިކޭޝަން ބައިވެރިންނަށް ލިބިގެންދާނެއެވެ.

މި ތަމްރީނު ކޯހުގައި ޕިލާޓީސްގެ އަސާސްތަކާއި، ހަށިގަނޑު ހަރަކާތްތެރިވާ ގޮތުގެ ފަންނީ މަޢުލޫމާތު ދަސްކޮށްދެވޭނެއެވެ. އެގޮތުން ފަންކްޝަނަލް އެނަޓޮމީ، ކޯ އަދި ލަމްބޯޕެލްވިކް ސްޓެބިލިޓީ، މެޓް ޕިލާޓީސް ކަސްރަތުތައް، ހަރަކާތްތައް ދެނެގަތުމާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަސްރަތު ރާވާނެ ގޮތްތަކުގެ އިތުރުން ރައްކާތެރިކަމާއެކު ކިޔަވައިދިނުމުގެ އުސޫލުތައް ހިމެނެއެވެ.

މީގެއިތުރުން ކްލާސްތައް ނަގައިދިނުމުގެ މެތޮޑޮލޮޖީއާއި، މުޢާމަލާތްކުރާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދެވޭނެއެވެ. މިއީ ހަމައެކަނި ކަސްރަތުތައް ދަސްކުރުމުގެ ބަދަލުގައި، އަމިއްލައަށް ކްލާސްތައް ފަރުމާކޮށް، ކްލައިންޓުންނަށް އިތުބާރާއެކު ސެޝަންތައް ކުރިއަށްގެންދަން ދަސްކޮށްދިނުމަށް ޢަމަލީ ތަމްރީނުތަކާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ޖުމްލަ 8 މޮޑިއުލްގެ މައްޗަށް އެކުލެވޭ މި ކޯހުގައި، ވަކިވަކި ކަސްރަތުތައް ދަސްކުރުމުގެ އިތުރުން އެ ހަރަކާތްތައް ކުރާނެ ގޮތާއި އެއިން ލިބޭ ފައިދާތައް، އަދި ކްލައިންޓުންގެ ބޭނުންތަކަށް ބަލައި ކަސްރަތުތަކަށް ބަދަލު ގެންނާނެ ގޮތްތަކަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ.

ހަށިގަނޑުގެ ބާރާއި، ލާމެހުމާއި، ރަނގަޅު ޕޯސްޗަރއެއް ބެހެއްޓުމަށް ޕިލާޓީސްގެ މަޤްބޫލުކަން އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، މިފަދަ ފުރުޞަތުތަކުގެ ސަބަބުން މި ދާއިރާއިން ކެރިއަރެއް ބިނާކުރަން ބޭނުންވާ ފަރާތްތަކަށް ފަހި ދޮރުތަކެއް ހުޅުވިގެންދާނެއެވެ. މި ސެޓިފިކޭޝަންގެ ސަބަބުން މިހާރުވެސް މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު މުއްސަނދިކުރުމުގެ ފުރުޞަތު ލިބޭއިރު، އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ވަރުގަދަ ބިންގަލެއް އެޅިގެންދާނެއެވެ.

މި ޕްރޮގްރާމާ ބެހޭ އިތުރު މަޢުލޫމާތާއި، ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ފްލޯ ސްޓޫޑިއޯއާ ސީދާ ގުޅުމުން ހަމަޖެހޭނެއެވެ. https://www.instagram.com/flostudiomv/

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *