މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026″ 56 ބައިވެރިންނާއެކު މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ބިޒްނަސް ސްކޫލް އޮޑިޓޯރިއަމްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީއެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީނިއާ މެނޭޖްމަންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ތައުލީމީ އަދި އަމަލީ ތަޖުރިބާގެ އިތުރުން، ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން މަސައްކަތުގެ މާހައުލުގައި ހުނަރު ދަސްކޮށްދިނުމަށް އެކުލަވާލާފައިވާ ޕްރޮގްރާމެކެވެ. މިއަހަރުގެ ޕްރޮގްރާމްގައި 14 ދާއިރާއަކުން ތަމްރީނުވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެމްޓީސީސީން ހާމަކުރި ގޮތުގައި މިއީ މި ޕްރޮގްރާމް ފެށުނުފަހުން މިހާ ގިނަ ދާއިރާތަކަކުން ފުރުސަތު ފަހިކޮށްދެވުނު ފުރަތަމަ ފަހަރެވެ.

މި ޕްރޮގްރާމްގެ މުއްދަތުގައި ކޮންމެ ބައިވެރިއަކަށް މަހަކު 8،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، އެމްޓީސީސީން ދާއިމީ ވަޒީފާ ލިބުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.

މި ހަފުލާގައި ވާހަކަދައްކަވަމުން މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވަނީ، ލިބުނު މި އަގުހުރި ފުރުސަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި، ކުންފުންޏަށާއި މުޅި މުޖުތަމައު އަދި ގައުމަށް ބޭނުންތެރި ހުނަރުވެރި ބަޔަކަށްވުމަށް ވަރުބަލިކަމެއް ނެތި މަސައްކަތްކުރުމަށް ބައިވެރިންނަށް އިލްތިމާސްކުރައްވައިފައެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން އަމަލީ ތަޖުރިބާގެ އިތުރުން ފަންނީ އަދި ޕްރޮފެޝަނަލް ހުނަރުތައް ތަރައްގީކުރުމަށް މެންޓާޝިޕް ފޯރުކޮށްދެވޭނެއެވެ. މީގެއިތުރުން ކަސްޓަމާ ސާވިސް، ފަޔާ ސޭފްޓީ އަދި މަސައްކަތުގެ މާހައުލުގެ ހޭލުންތެރިކުރުވުމުގެ ތަމްރީނުތަކާއި ކަމާ ގުޅޭ ހާއްސަ ފަންނީ ތަމްރީނުތައް ބައިވެރިންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ މިފަދަ އަގުހުރި ފުރުސަތުތައް ދިވެހި ރައްޔިތުންނަށް ގިނަގިނައިން ފަހިކޮށްދީ، ހުނަރުވެރި ދިވެހި ޒުވާނުން ވަޒީފާގެ މައިދާނަށް ނެރެދިނުމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *