ރާއްޖޭގައި ފުޅާވަމުން އަންނަ ލޯކަލް ޓުއަރިޒަމް ދާއިރާގެ ވިޔަފާރިތައް ތަރައްގީކޮށް ކުރިއެރުވުމަށާއި، ވިޔަފާރިވެރިންނަށް ފަހި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި "ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންގ" ގެ ނަމުގައި އައު ފެސިލިޓީއެއް އެސްއެމްއީ ޑިޖިޓަލްއިން މިއަދު ރަސްމީކޮށް ތައާރަފްކޮށްފިއެވެ.
މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އެމެރިކާ ޑޮލަރުން ލިބޭ އާމްދަނީއާ އެއްގޮތަށް، ޑޮލަރުން ފައިސާ އަނބުރާ ދެއްކޭނެ ފަސޭހަ މަގެއް ފަހިކޮށްދިނުމަށެވެ. އަދި ހަމައެއާއެކު ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދައުރުކުރުވައި، އެ ޒިންމާ އަދާކުރުމަށް މަގުފަހިކުރުމަކީ ވެސް މި ސްކީމުގެ މުހިންމު ބޭނުމެކެވެ.
އެސްއެމްއީ ޑިޖިޓަލް އިން ހާމަކުރި ގޮތުގައި، ޔޫއެސް ޑޮލަރުން ފައިސާ އަނބުރާ ދައްކާ ގޮތަށް ތައާރަފްކުރި މި ފެސިލިޓީގެ އިންޓްރެސްޓް ރޭޓަކީ އެންމެ 7.5 އިންސައްތައެވެ. މިއީ ގެސްޓްހައުސް ވިޔަފާރިތައް ފުޅާކުރުމަށް އެ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. މި ސްކީމުގެ ދަށުން 10 މިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ޖުމްލަ 15 އަހަރުގެ ދިގު މުއްދަތެއް ލިބިގެންދާނެއެވެ.
މި ފައިނޭންސިންގ ފެސިލިޓީ ބޭނުންކުރެވޭނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި:
- އައު ގެސްޓްހައުސްތައް އިމާރާތްކުރުން
- މިހާރު ހިންގަމުންދާ ގެސްޓްހައުސްތައް ފުޅާކުރުމާއި މަރާމާތުކޮށް ޒަމާނީ ކުރުން
- ލޯކަލް ޓުއަރިޒަމަށް އެހީތެރިވެދޭ އެކި ހިދުމަތްތައް ތަރައްގީކުރުން
- ވޯކިންގ ކެޕިޓަލް ހަމަޖެއްސުން އަދި ޓެކްނޮލޮޖީގެ އައު އީޖާދުތައް ތައާރަފުކުރުން
މި ފެސިލިޓީ ތައާރަފުކުރުމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށް ކުޑަ އިންޓްރެސްޓެއްގައި މިފަދަ ފުރުސަތެއް ލިބުމަކީ ވިޔަފާރިތަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކަންކޮޅުތަކުގައި ލޯކަލް ޓުއަރިޒަމް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާއަތް ކުރިއެރުވުމަށް އެއްބާރުލުން ދިނުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
"ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންގ" އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ރަސްމީ ވެބްސައިޓް (www.smedigital.mv) ގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް އާންމުކޮށް ހުޅުވާލާފައެވެ.

