މިއަހަރުގެ ފުރަތަމަ 9 މަސް ދުވަހުގެ ތެރޭގައި ކައުންސިލުތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި 1.8 ބިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާ ގޮތުގައި، މި އަހަރުގެ މި މުއްދަތުގައި ދޫކުރި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރި 1.6 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 12 އިންސައްތަ އިތުރު އަދަދެކެވެ. މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލުތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ބަޖެޓުކޮށްފައިވާ އަހަރަށް ވާއިރު، މި އަހަރުގެ ބަޖެޓުގައި ކައުންސިލުތަކުގެ ގްރާންޓުގެ ގޮތުގައި ޖުމްލަ 2.4 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން 2023 ވަނަ އަހަރު ކައުންސިލުތަކަށް 2.1 ބިލިޔަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އަހަރު ނިމުނުއިރު އެ އަދަދަށްވުރެ 8 މިލިޔަން ރުފިޔާ އިތުރަށް ހޭދަކޮށްފައިވެއެވެ. އަދި އޭގެ ކުރީ އަހަރުވެސް ކައުންސިލުތަކަށް 2.2 ބިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.
ދައުލަތުގެ އާމްދަނީއަށް ބިނާކޮށް ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއްގެ ދަށުން 2020 ވަނަ އަހަރުން ފެށިގެން ދޫކުރަމުން އަންނަ މި ގްރާންޓުން އެންމެ ބޮޑު އަދަދެއް ލިބެނީ ސިޓީ ކައުންސިލުތަކަށެވެ. އަދި އޭގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް އަބަދުވެސް ކަނޑައަޅަނީ މާލޭ ސިޓީ ކައުންސިލަށެވެ.
ކައުންސިލުތަކަށް ދޭ އެހީގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން، މިހާރު އަތޮޅު ކައުންސިލުތައް އުވާލާފައިވާއިރު، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ލިބޭ ގްރާންޓުގެ އިންސައްތަ އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ކުރިއަށް އޮތްތަނުގައި ކައުންސިލުތަކަށް ބަޖެޓު ކަނޑައެޅުމުގައި ހަމައެކަނި އާބާދީގެ މައްޗަށް ބިނާކުރުމުގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށްވެސް ބަލައިގެން ފައިސާ ދޫކުރާ ގޮތަށް އުސޫލު ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުން ދެކޭގޮތުގައި މިއީ ކައުންސިލުތަކުގެ މާލީ ތަނަވަސްކަން އިތުރުކޮށް، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް މިހާރަށްވުރެ ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެކެވެ.

