ކަސްޓަމަރުން ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓް 42.36 ބިލިއަން ރުފިޔާއަށް ވަނީ އަރާފައި: ބީއެމްއެލް

މިއަހަރު މިހާތަނަށް ކަސްޓަމަރުން ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓް 42.36 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ބޭންކުން އާންމުކޮށްފައިވާ ރިޕޯޓުން އެނގޭގޮތުގައި މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ހުރި 37.19 ބިލިއަން ރުފިޔާއަށް ވުރެ %14 އިތުރު އަދަދެކެވެ. މި މުއްދަތުގެ ތެރޭގައި އެ ބޭންކުން ވަނީ ލޯނު ދޫކުރުމުގެ އާ ރިކޯޑެއްވެސް ހަދާފައެވެ.

މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ މުއްދަތުގައި އަލަށް ދޫކުރި ލޯނުތަކުގެ ޖުމްލަ އަދަދު ވަނީ 12.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މުޅި 2025 ވަނަ އަހަރު ދޫކުރި ޖުމްލަ ލޯނަށްވުރެ ވެސް އިތުރު އަދަދެކެވެ.

މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި، ރާއްޖޭން ބޭރަށް ފޮނުވާފައިވާ ފައިސާގެ ޖުމްލަ 2.86 ބިލިއަން ޑޮލަރަށް އަރައެވެ. މިއީ 373,600 އަށްވުރެ ގިނަރެމިޓަންސް މެދުވެރިކޮށް ކުރެވުނު މުއާމަލާތްތަކެވެ.

ތިންވަނަ ކުއާޓަރުގެ މާލީ ނަތީޖާއާއި ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މިއަހަރަކީ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރަށް ވެގެންދާނެއެވެ. ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީގެ ތަނަވަސްކަން ވަރުގަދަކޮށް ހުރިއިރު، ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރުގެ ސަބަބުން ބޭންކުގެ ބެލެންސް ޝީޓް ދަނީ ކުރިއަރަމުން ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު އެކަނިވެސް އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް 720 މިލިއަނަށްވުރެ ގިނަ ޑޮލަރު ފޯރުކޮށްދީފައިވެއެވެ. އަދި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް 2.86 ބިލިއަން ޑޮލަރުގެ ބޭރުގެ މުއާމަލާތްތައް މިވަނީ ފުރިހަމަކޮށްދީފައެވެ. މިއީ ދިވެހި އިގްތިސާދަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ އެންމެ އަލިގަދަ ހެއްކެވެ.

މި ނަތީޖާ ހާސިލުކުރެވުނީ އިގްތިސާދުގެ މުހިންމު ދާއިރާތަކަށް ދޫކުރާ ލޯނު އިތުރުވުމާއި، ޑިޕޮސިޓް ބޭސް ފުޅާވުމާއި، ޑިޖިޓަލް މުއާމަލާތްތައް އިތުރުވުމުގެ ސަބަބުންނެވެ. ބޭންކުގެ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ %28 ގައި ހުރިއިރު، މިއީ ސަރަހައްދީ ފެންވަރުގައިވެސް އެންމެ އެފިޝެންޓް އެއް ނަތީޖާއެވެ. ރިޓާން އޮން އިކުއިޓީ ހުރީ %14 ގައެވެ.