ދުނިޔޭގެ ފެނުމުގެ ދުވަސް ނުވަތަ "ވޯލްޑް ސައިޓް ޑޭ" ފާހަގަކުރުމުގެ ގޮތުން، ލޮލުގެ އުފެއްދުންތަކާއި ޚިދުމަތް ދިނުމުގައި ރާއްޖޭގައި އިސް ދައުރެއް އަދާކުރާ އައިކެއާއިން ޚާއްޞަ ޕްރޮމޯޝަނެއް މިވަނީ ފަށާފައެވެ. "ލަވް ޔޯ އައިސް" ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮމޯޝަން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އައިކެއާއިން ހާމަކުރެއްވި ގޮތުގައި، މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ޕްރިސްކްރިޕްޝަން ލެންސް ގަންނަ ފަރާތްތަކަށް، ހޮވާލެވޭ ފްރޭމްތަކުން %20ގެ ޑިސްކައުންޓެއް ލިބޭނެއެވެ. މި އޮފަރ އައިކެއާ އޮޕްޓިކަލްސްގެ ހުރިހާ އައުޓްލެޓުތަކުން ލިބެން ހުންނާނެއެވެ. މި އޮފަރ ލިބޭނީ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ޒައިސް، ހޯޔާ އަދި ނޯވާގެ ސިންގަލް-ވިޜަން ނުވަތަ ޕްރޮގްރެސިވް ޕްރިސްކްރިޕްޝަން ލެންސާއެކު ނަގާ ފްރޭމްތަކަށް ކަމަށްވެސް އައިކެއާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، އައިކެއާގެ މެންބަރޝިޕް އޮންނަ ފަރާތްތަކަށް ލެންސުން ލިބޭ އިތުރު ޑިސްކައުންޓުތައްވެސް މި މުއްދަތުގައި ލިބޭނެއެވެ. ކަސްޓަމަރުންނަށް އުމުރާއި، މަސައްކަތުގެ މާޙައުލާއި، ސްކްރީން ބޭނުންކުރާ މިންވަރަށް ބަލައި އެންމެ ރަނގަޅު ލެންސް އިޚުތިޔާރު ކުރުމަށް ފަންނީ ޓީމުތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އައިކެއާއިން ބުންޏެވެ.

ދުނިޔޭގެ ފެނުމުގެ ދުވަސް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ލޮލުގެ ޞިއްޙަތުގެ މުހިންމު ކަމާމެދު ހޭލުންތެރިކަން އިތުރު ކުރުމެވެ. މި ދުވަހާ ގުޅުވައިގެން އައިކެއާއިން ވަނީ، ލޮލުގެ ޞިއްޙަތަށް އިސްކަންދީ، ޤަވާޢިދުން ލޯ ޓެސްޓު ކުރުމަށާއި، ފެނުމަށް އެއްވެސް ބަދަލެއް އަންނަނަމަ ލަސްނުކޮށް ފަންނީ ލަފާ ހޯދުމަށްވެސް އިލްތިމާސްކޮށްފައެވެ. ސަބަބަކީ ފެނުމަށް އަންނަ ބަދަލުތަކަކީ ވަގުތުން ފާހަގަނުކުރެވި، މަޑުމަޑުން އަންނަ ބަދަލުތަކަކަށް ވެދާނެތީއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *