ޤައުމީ އެއަރލައިން މޯލްޑިވިއަނުން އެ ކުންފުނީގެ ފްލީޓް އިތުރުކުރުމަށް އެއަރބަސް މަރުކާގެ ދެ ބޯޓު ހޯދަން އިއުލާންކޮށްފިއެވެ. މިކަމަށް ބޭނުންވާ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މޯލްޑިވިއަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެއަރބަސް A220-300 މަރުކާގެ ދެ ބޯޓު ގަތުމަށް ނުވަތަ އޮޕަރޭޓިންގ ލީސްގެ ދަށުން ބޯޓު ފޯރުކޮށްދިނުމަށް ޝަރުތުހަމަވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިމަހުގެ 28 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އަންގާފައެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ސުވާލު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ އޮކްޓޫބަރު 15 ވާ ހޯމަ ދުވަހުގެ 14:00 (ދެފަހަރު) ކަމަށް މޯލްޑިވިއަނުން ބުނެއެވެ. ހުށައެޅޭ ސުވާލުތަކަށް އޮކްޓޫބަރު 19 ވާ ހުކުރު ދުވަހުގެ ކުރިން ޖަވާބު ފޮނުވާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މޯލްޑިވިއަނުން މިހާރުވެސް ދަނީ އެ ކުންފުނީގެ ފްލީޓަށް އިތުރު ބޯޓުތައް ހޯދައި ފްލީޓް ބޮޑުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން އެތެރޭގެ އުދުހުންތަކާއި ބައިނަލްއަޤްވާމީ ދަތުރުކުރާ މަންޒިލްތަކާއި ދަތުރުތަކުގެ ފްރިކުއެންސީ އިތުރުކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
ޤައުމީ އެއަރލައިން މޯލްޑިވިއަނުން މިވަގުތު ޝެޑިއުލް ދަތުރުތައް ކުރަނީ، ބައިނަލްއަޤްވާމީ 4 ޤައުމެއްގެ 7 މަންޒިލަކަށެވެ. އެއީ، އިންޑިއާގެ 2 ސިޓީއަކަށާއި، ބަންގްލަދޭޝްގެ ޑާކާއަށާއި، ޗައިނާގެ 3 ސިޓީއަކާއި އޮސްޓްރޭލިއާގެ މެލްބަންއަށެވެ.

