ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ދަ ހޯކްސް ހޮޓެލްސްއިން ހޯދައިފިއެވެ. ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2026 ގެ "ލީޑިން ބުޓީކް ހޮޓެލް ރިސޯޓް" އެވޯޑް ވަނީ ދަ ހޯކްސް ހޮޓެލްސްއަށް ލިބިފައެވެ. މިއީ އެ ކުންފުނިން ފަތުރުވެރިކަމުގެ ދާއިރާގައި ހޯދި ބޮޑު ކުރިއެރުމެކެވެ.
ދަ ހޯކްސްއިން ބުނި ގޮތުގައި މި ޝަރަފުވެރި އެވޯޑުން ރަމްޒުކޮށްދެނީ މެހެމާންދާރީގެ ދާއިރާގައި ދަ ހޯކްސް ހޮޓެލްސްއިން ބަހައްޓާ މަތީ ފެންވަރާއި، މެހެމާނުންނަށް ބޭނުންވާފަދަ ޒާތީ އަދި ފުރިހަމަ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ކުރާ މަސައްކަތެވެ. އަދި މި ކާމިޔާބީއަކީ ހޯކްސް ޓީމުގެ ހުރިހާ މުވައްޒަފުންގެ މިންނެތް މަސައްކަތާއި، ޕްރޮފެޝަނަލްކަމާއި ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
ދަ ހޯކްސް ހޮޓެލްސްގެ ދަށުން މިހާރު ހަތަރު ހޮޓެލްއެއް ހިންގަމުންދާއިރު، އޭގެތެރޭގައި ސްވާން ބާއި ހޯކްސް ހޮޓެލްސް، ބަޔޮސްފިއާ ބާއި ހޯކްސް ހޮޓެލްސް، ވިންގްސް ބާއި ހޯކްސް ހޮޓެލްސް އަދި ނެސްޓް ބާއި ހޯކްސް ހޮޓެލްސް ހިމެނެއެވެ. މި ހަތަރު ޕްރޮޕަޓީގައި ޖުމްލަ 92 ކޮޓަރި ހިމެނޭ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ސީޕްލޭން ދަތުރުތަކުގެ ސަބަބުން މެހެމާނުންނަށް ރާއްޖޭގެ ރީތި މަންޒަރުތައް ބަލާލުމުގެ ފުރުސަތާއި ހަނދާނުން ފިލައިގެންނުދާނެފަދަ ދަތުރެއް ތަޖުރިބާކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ބާ އަތޮޅު ކަމަދޫގައި ދަ ހޯކްސް ހޮޓެލްސް ހުރުމަކީ ބުޓީކް މެހެމާންދާރީއާއި ރަށުގެ ސަގާފަތް އަދި ރާއްޖޭގެ ގުދުރަތީ ރީތިކަން އެއްތަނަކުން ދައްކުވައިދޭ މަންޒިލެއްގެ ގޮތުގައި އެ ރަށް އިޝްތިހާރު ކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށް ހޯކްސްއިން ވަނީ ބުނެފައެވެ.
ބާ އަތޮޅުގައި އޮންނަ ގުދުރަތީ ރީތިކަމާއި އަސްލު ދިވެހި ރަށު ދިރިއުޅުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަތުރުވެރިންނަށް ލިބިގެންދާނެކަން އެ ކުންފުނިން ފާހަގަކުރެއެވެ. އޭގެތެރޭގައި ޔުނެސްކޯ ބަޔޮސްފިއާ ރިޒާވްއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބާ އަތޮޅުގައި، ދިރުންތަކުން ފުރިގެންވާ މުއްސަނދި ކަނޑުގެ މާހައުލެއް ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭއިރު އެ ސަރަހައްދުގެ ހިތްގައިމު ފަރުތަކާއި ސާފު ފެނުގެ އިތުރުން ސްނޯކްލިން، ޑައިވިން އަދި ރާއްޖޭގެ ކަނޑުގެ ދިރުންތައް ބަލާލުމަށް މަޝްހޫރު ސަރަހައްދު ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަތުރުވެރިންނަށް ފަހިވެގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.

