ދިވެހިންނަށް ޚާއްޞަކޮށްފައިވާ ދާއިރާތަކުގައި ޙަރަކާތްތެރިވަމުންދިޔަ 29 ފޮރިން އިންވެސްޓްމަންޓް މިހާތަނަށް އުވާލެވިފައިވާ ކަމަށް، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިއީ 2024 ވަނަ އަހަރު ޢަމަލުކުރަން ފެށުނު އައު ފޮރިން އިންވެސްޓްމެންޓް ޤާނޫނާއި ގުޅިގެން ދިވެހިންގެ ވިޔަފާރީގެ ދާއިރާތައް ރައްކާތެރިކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.
ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި، އައު ފޮރިން އިންވެސްޓްމެންޓް ޤާނޫނާ ގުޅިގެން އެކުލަވާލެވުނު ސިޔާސަތުގެ ދަށުން، އަލަށް ކަނޑައެޅުނު ޝަރުތުތައް ފުރިހަމަކުރަންޖެހޭ 150 ފޮރިން އިންވެސްޓްމަންޓް ހިމެނެއެވެ. މިހާތަނަށް 29 ފޮރިން އިންވެސްޓްމަންޓް އުވާލެވިފައިވާއިރު، އެ ސިޔާސަތުގެ ދަށުން ކޮމްޕްލަޔަންޓްވުމަށްޓަކައި 17 ފޮރިން އިންވެސްޓްމަންޓްއަކުން ވަނީ ހުށަހަޅާފައެވެ.
ބިދޭސީންނަށް ހަރަކާތްތެރިވުން މަނާކުރެވިފައިވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، ރާއްޖޭއަށް އޮޕަރޭޓްކުރާ އެއާރލައިންތަކުގެ ޖެނެރަލް ސޭލްސް އޭޖެންޓްސް، ޕެސެންޖަރ ސޭލްސް އޭޖެންޓްސް އަދި ކާގޯ ސޭލްސް އޭޖެންޓްސް ހިމެނެއެވެ.
ވަޒީރު ސައީދު ވަނީ، ދިވެހިންނަށް ޚާއްސަކުރެވިފައިވާ ދާއިރާތަކުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ 17 ފަރާތެއް ކޮމްޕްލަޔަންޓުވުމުގެ ފުރުސަތު ދީފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ވިޔަފާރިތަކުގައި ހަރަކާތްތެރިވަނީ ހަޤީޤީ ގޮތެއްގައި ދިވެހިންކަން ޔަޤީންކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. "އޭގެ މާނައަކީ 17 ފަރާތެއް އެބަ ބޭނުންވެއޭ ދިވެހިންނަށް ޝެއާ ބަދަލުކުރަން، އަޅުގަނޑުމެން މި ފަހަރު ދަންނަވަނީ ނަމަކަށް ތިކަން ނުކުރެވޭނެއޭ، ވަރަށް ކޮމްޕްލެކްސް ޕްރޮސީޖާރއެއް ފްލޯ ކުރަންޖެހޭނެ، ޕާޓްނާޝިޕް ޑޮކިއުމަންޓު ނޮޓޮރައިޒްކުރެވި، އަޅުގަނޑުމެންނާ ޕްރޮފެޝަނަލް އެތައް ފަރާތަކާއި މިކަން ހަޤީގީ މާނާގައި އުފެއްދޭނެ ގޮތަކީ ކޮބައިކަން ހޯދުމަށް މިދަނީ މަސައްކަތްކުރަމުން،" ވަޒީރު ސައީދު ވިދާޅުވިއެވެ.
އިޤްތިޞާދީ ވުޒާރާއިން ވިދާޅުވާ ގޮތުގައި އައު އިންވެސްޓްމެންޓް ރިކުއަރމެންޓްސްގެ އަސާސަކީ، ދިވެހިން ކުރިއަރަމުން އަންނަ ސިނާޢަތްތަކާއި ދާއިރާތަކުން ދިވެހިންނަށް ޚާއްސަކޮށް، ބޭރުގެ ތަޖުރިބާ ބޭނުންވާ ދާއިރާތަކުން އެފަރާތްތަކަށް މިހާރަށް ވުރެ ބޮޑަށް ފުރުސަތު ހުޅުވާލުމެވެ. އެ ވުޒާރާއިން ވަނީ އަލަށް ދިވެހިންނަށް ޚާއްސަ ކުރި ވިޔަފާރިތަކަށް މިހާރުވެސް އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ގެއްލުން ނުވާނެހެން، އެ ދާއިރާތަކުން ނިކުތުމަށް ނުވަތަ ޓްރާންސިޝަން ވާން މުއްދަތެއް ދެވޭނެ ކަމަށެވެ. މީގެ އިތުރުން ބައެއް ދާއިރާތަކުގައި ދިވެހި ހިއްސާދާރަކާއި ނުލައި ވިޔަފާރި ނުކުރެވޭ ގޮތަށް ނުވަތަ ޖޮއިންޓް ވެންޗަރ އުސޫލުން ވިޔަފާރި ކުރެވޭ ގޮތަށްވެސް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރެއެވެ.
އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ ދިވެހީންގެ ހުނަރާއި ޤާބިލުކަން އިތުރުކަމަށް ބެލެވޭ އިތުރު ބައެއް ދާއިރާތައް ދިވެހިންނަށް ޚާއްސަކުރެވި ނުވަތަ އިންވެސްޓްމެންޓް ފުރުސަތު އައު ޝަރުތުތަކުގެ ތެރެއިން ހަނިކޮށްފައިވާނެ ކަމަށެވެ. މި ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތް، ބަންކަރިންގެ ޚިދުމަތުގެ އިތުރުން 15 މިލިޔަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތަކާއި 100 މިލިޔަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫޢުތައް ހިމެނެއެވެ. މި މަޝްރޫޢުތަކާއި އޮޑިޓިންގ އަދި ފޮރިން އިންވެސްޓަރުންނަށް ހަރަކާތްތެރިވެވޭނީ 25 އިންސައްތަ ދިވެހިންގެ ހިއްސާ ހިމެނޭގޮތަށެވެ. އަދި، 100 މިލިއަން ޑޮލަރަށްވުރެ ދަށުގެ ރެޒިޑެންޝަލް ރިއަލް އެސްޓޭޓް ޕްރޮޖެކްޓްސް އަދި ޖެނެރަލް ސީ ޓްރާންސްޕޯޓުގެ ޚިދުމަތްތައް ވެސް ވަނީ ދިވެހީންނަށް ޚާއްޞަކުރެވިފައެވެ. އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރާ ގޮތުގައި މި ދާއިރާތަކަކީ ދިވެހިންނަށް ފަހި ފުރުސަތުތަކެއް އޮތް އަދި އިންވެސްޓް ކުރުމުގެ ބާރުވެރިކަން ހުރި ދާއިރާތަކެކެވެ.
މި ފިޔަވަޅުތަކުގެ ބޭނުމަކީ، ދިވެހި ވިޔަފާރިވެރިންނަށާއި ދިވެހި މަސައްކަތްތެރިންނަށް އެބައެއްގެ ޤާބިލުކަން ދައްކާލުމަށް އިތުރު ފުރުޞަތުތަކެއް ފަހިކޮށްދިނުމާއި، ޤައުމީ އިޤްތިޞާދު ބިނާކުރުމުގައި ދިވެހިންގެ ދައުރު ފުޅާކުރުމެވެ.

