ދުނިޔޭގެ 67 ގައުމެއްގައި ހާހަކަށްވުރެ ގިނަ ޝޯރޫމް ހިންގަމުން އަންނަ، އަދި ފެންވަރު ރަނގަޅު ފަރުނީޗަރު ހެޔޮ އަގުގައި ފޯރުކޮށްދޭ މަޝްހޫރު ބްރޭންޑު "ލިންސީ"ގެ ޝޯރޫމެއް ރާއްޖޭގައި އެސްޓާސްއިން ހުޅުވައިފިއެވެ.
މާލޭގައި ހުންނަ އެސްޓާސް ފިހާރައިގެ ފަސްވަނަ ފަންގިފިލާއާއި ހަވަނަ ފަންގިފިލާގައި މިހާރު ހުޅުވާފައިވާ ލިންސީ ޝޯރޫމް މެދުވެރިކޮށް، ދިވެހި އާއިލާތަކަށް ފެންވަރު ރަނގަޅު، ޒަމާނީ ފަރުނީޗަރު އެކަށީގެންވާ ހެޔޮ އަގުތަކެއްގައި ލިބިގެންދާނެ ކަމަށް އެސްޓާސްއިން ބުނެއެވެ. ޝޯރޫމް ހުޅުވުމާއި ގުޅިގެން ފުރަތަމަ 30 ދުވަހުގެ ނިޔަލަށް އެ ފިހާރައިން ވިއްކާ ފަރުނީޗަރުތަކުން 20 އިންސައްތަ ނުވަތަ އެއަށްވުރެ ބޮޑު ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް އެސްޓާސްއިން މައުލޫމާތުދެއެވެ.
މި ޝޯރޫމް މެދުވެރިކޮށް ކަސްޓަމަރުންނަށް ގޭގެ ހުރިހާ ބަޔަކަށް ބޭނުންވާނެ ފަރުނީޗަރުތައް ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ސޯފާސެޓާއި އެނދާއި ކާ މޭޒު ސެޓާއި އަލަމާރިއާއި ކުޑަކުދިންގެ ފަރުނީޗަރާއި އޮފީސް ފަރުނީޗަރު ހިމެނޭ ކަމަށް އެ ފިހާރައިން ބުނެއެވެ.
އެސްޓާސްގެ ޕްރޮޑަކްޓް މެނޭޖަރު ހޭޒަލް ވިދާޅުވީ، ލިންސީ ބްރޭންޑު ރާއްޖެއަށް ތައާރަފްކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، ކަސްޓަމަރުންނަށް މިހާރު މުޅި ގެދޮރު ފަރުމާކޮށްލެވޭނެ ހިތްގައިމު، ފެންވަރު ރަނގަޅު އަދި އަގުހެޔޮ ފަރުނީޗަރު ލިބިގެންދާނެ ކަމަށެވެ.
މީގެ ގާތްގަނޑަކަށް 19 އަހަރު ކުރިން، 2007 ވަނަ އަހަރު ޗައިނާގައި ވުޖޫދުވި ލިންސީއަކީ ވޭތުވެދިޔަ 13 އަހަރު ދުވަހު މެދުނުކެނޑި ބޮޑެތި ކުރިއެރުންތަކެއް ހޯދައި އޭޝިއާގެ އެންމެ ނުފޫޒުގަދަ 500 ބްރޭންޑުގެ ތެރޭގައި ހިމެނިފައިވާ ކުންފުންޏެކެވެ. މިއަދު މި ބްރޭންޑުގެ އެއްހާހަށްވުރެ ގިނަ ޝޯރޫމްތައް ދުނިޔޭގެ 67 ގައުމަކާއި ސަރަޙައްދެއްގައި ހިންގަމުންދެއެވެ. އޭގެ ތެރޭގައި ސިންގަޕޫރާއި މެލޭޝިއާއާއި ފިލިޕީންސާއި ބުރުނާއީއާއި ޕެނަމާއާއި ޓްރިނިޑާޑް އެންޑް ޓޮބޭގޯ ފަދަ ގައުމުތައް ހިމެނެއެވެ.
އެސްޓާސްއަކީ ގޭތެރެއަށް ބޭނުންވާ ސާމާނާއި އިލެކްޓްރޯނިކްސް، ފަރުނީޗަރު އަދި ލައިފްސްޓައިލް އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް، ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކާ އެންމެ ކުރިއަރައިފައިވާ ކުންފުންޏެވެ. އެ ކުންފުންޏަކީ ދުނިޔޭގެ މަގުބޫލު ގިނަ ބްރޭންޑުތަކެއް ރާއްޖޭގައި ތަމްސީލުކުރާ ކުންފުންޏެކެވެ. އޭގެ ތެރޭގައި ފިނިކުރާ ނިޒާމުތަކާއި ހޯމް އެންޓަޓެއިންމަންޓާއި އޮފީސް އޮޓޯމޭޝަން ސާމާނު ވެސް ހިމެނެއެވެ.

