ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށްގެން، ދިރާގުޕޭ މެދުވެރިކޮށް ކުލި ދައްކައިގެން އެއް މަހުގެ ކުލި މުޅިން ހިލޭ ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ދިރާގު ފިންޓެކްއިން ތައާރަފުކޮށްފިއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. ދިރާގުން ހާމަކުރި ގޮތުގައި، މި މުއްދަތުގެ ތެރޭގައި ކޮންމެ މަހަކު ވެސް ގުރުއަތުން ހޮވޭ ނަސީބުވެރި ދެ ފަރާތަކަށް އެއް މަހުގެ ކުލި މުޅިން ހިލޭ ލިބިގެންދާނެއެވެ.
އެފްޑީސީގެ ފްލެޓްތަކުގެ ކުލި ދެއްކުމުގެ ކަންކަން ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، މިހާރު ފަހި ޕޯޓަލް މެދުވެރިކޮށް ދިރާގުޕޭ ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. އެގޮތުން، ފަހި ޕޯޓަލްއިން ކުލި ދެއްކުމަށް ފިތާލުމަށްފަހު ފައިސާ ދައްކާ ވަސީލަތެއްގެ ގޮތުގައި 'ދިރާގުޕޭ' ޚިޔާރުކޮށް، މޮބައިލް ނަންބަރު ޖެހުމަށްފަހު ޕޭމަންޓް ރިކުއެސްޓް ފުރިހަމަކޮށްލުމުން، ނުހަނު ރައްކާތެރިކަމާއި އަވަސްކަމާއެކު ކުލި ދައްކައި ނިންމާލެވޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
މީގެއިތުރުން، އަލަށް ދިރާގުޕޭގެ ޚިދުމަތް ބޭނުންކުރަން ފަށާ ފަރާތްތަކަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެފަދަ ފަރާތްތަކަށް ދިރާގުޕޭ އެޕްލިކޭޝަން ޑައުންލޯޑްކޮށް، ފަސޭހަކަމާއެކު ރަޖިސްޓްރީވުމަށްފަހު ފްލެޓުގެ ކުލި ދައްކައިގެން މި ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ.
ދިރާގުން ފާހަގަކުރި ގޮތުގައި، މި ޚާއްސަ ޕްރޮމޯޝަންގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމުގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް އާންމުންގެ މެދުގައި އޮތް ޝައުގުވެރިކަން އިތުރުކުރުމެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ލުއިފަސޭހަކަމެއް ގެނެސްދޭނެ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމަކީ ދިރާގު ފިންޓެކްގެ މުހިންމު އަމާޒެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

