ތިލަފުށި ޕޯޓުގައި މުދަލާއިއެކު ކޮންޓެއިނަރ ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ، ތިލަފުށި ޕޯޓުން ދޭން ފެށި ފުރަތަމަ ޚިދުމަތަށް ވާއިރު، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ސަރުކާރުގެ ބޮޑު މަޝްރޫޢުގެ ތެރެއިން މިހާތަނަށް ފެށުނު އެންމެ ފުރަތަމަ އަމަލީ ޚިދުމަތެވެ.

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ، ރާއްޖޭގެ އިޤުތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމަށް ހުރި ގޮންޖެހުންތައް ނައްތާލުމުގެ މަޤުޞަދުގައެވެ. ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ބާވަތްތަކެއްވެސް އެހެން ޤައުމުތަކުން އެތެރެ ކުރާ ޤައުމަކަށްވާއިރު، ރާއްޖެ އެތެރެވާ މުދަލުގެ ތެރެއިން މައިގަނޑު ގޮތެއްގައި ހުރިހާ ބާވަތެއްވެސް އެތެރެކުރަނީ މާލޭ ވިޔަފާރި ބަނދަރުންނެވެ. މިކަމާއި ގުޅިގެން ވިޔަފާރި ބަނދަރުވެފައިވަނީ، 24 ގަޑިއިރު ހިންގަންޖެހޭ ޤައުމުގެ އިޤުތިޞާދުގެ އެންމެ ބޮޑު އޮޕަރޭޝަނަށެވެ.

ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާއިރު، އައު ބަނދަރާއެކު ޕޯޓުގެ ޚިދުމަތްތައް 4 ގުނަ ފުޅާވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މުޅި މަޝްރޫއު ނިމޭނެކަމަށް އަންނަ އަހަރު އަންނައިރު، މުޅި މަޝްރޫޢު އެއްކޮށް ނިންމުމަށް ސަރުކާރުން އަމާޒުކުރަނީ 2027 ވަނަ އަހަރުގެ ނޮވެމްބަރ މަހަށެވެ.

މި ޚިދުމަތް ފައްޓަވައިދެއްވުމަށް ބޭއްވި ހަފްލާގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޕީއެލްގެ ސީއީއޯ ހުސައިން ޝަފީޤު ވިދާޅުވީ، މާލެ އަދި ހުޅުމާލެ ބަނދަރުގައި މިވަގުތުވެސް ދޯނިފަހަރު ކައިރިކޮށް ކޮންޓެއިނަރ އެރުވުމަށް ޖާގަ ކުޑަ ކަމަށެވެ. ނަމަވެސް އެމްޕީއެލްގައި ތަރައްޤީ ކުރަމުންދާ ބަނދަރުން މި ޚިދުމަތް ފެށުމުން މިއީ ދޯނި ކްލިއަރެންސްއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މީގެ އިތުރުން، މަޑުމަޑުން ޚިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރަމުން ގެންދަވާނެކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.

ސީއީއޯ ހުސައިން ޝަފީޤު ވިދާޅުވީ، "އެންމެ ފުރަތަމަ މި ފައްޓަނީ އެފްސީއެލް ކްލިއަރެންސް އޮޕަރޭޝަން ދޯނިފަހަރަށް. އިރާދަކުރެއްވިއްޔާ މާދުރުނޫން މުސްތަޤުބަލެއްގައި އަޅުގަނޑުމެން މިތަނުން ކޮންޓެއިނަރތައް ކަނޑައިގެން އެލްސީއެލް ކާގޯވެސް ދޫކުރަން ފައްޓާނަން. މިއަދު މިފެށުނީ ކޮންޓެއިނަރ ހުރިގޮތަށް ދޯނިފަހަރަށް ލޯޑު ކޮށްގެން ކްލިއަރެންސް ހެދުމުގެ މަސައްކަތް."

މާލޭ ވިޔަފާރި ބަނދަރަކީ، 1986 ވަނަ އަހަރު ޚިދުމަތް ފެށި ބަނދަރެކެވެ. 2015 ވަނަ އަހަރުން ފެށިގެން މި ބަނދަރުން ޚިދުމަތް ދެމުންދަނީ، ބަނދަރުގެ ކެޕޭސިޓީ އަށްވުރެ 3 ގުނަ އިތުރަށެވެ. ސަރުކާރުން ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރަނީ، މިހުރިހާ މައްސަލައަކަށް ހައްލެއް ހޯދުމަށެވެ.

ތިލަފުއްޓަށް ބަނދަރު ބަދަލުވުމުގެ ފައިދާ އާންމު ރައްޔިތުންނަށްވެސް ކުރާނެއެވެ. މުދާ ގެނައުމަށް ކުރާ ޚަރަދުތައް ކުޑަވެ، މުދަލުގެ އަގު ތިރިވުމަށްވެސް މަގުފަހިވާނެއެވެ. މި ބަދަލަކީ، ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ އަދި މުޅި އިޤުތިޞާދާއި ގުޅިފައިވާ މުހިންމު ބަދަލެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *