މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ، ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއާ އަޅައިކެނޑޭނެ އިންތިޒާމު ހަމަޖައްސައި، އެކަމާ ގުޅޭ އުސޫލެއް މީރާއިން އާންމުކޮށްފިއެވެ. މި އުސޫލަށް މިހާރުން މިހާރަށް ޢަމަލުކުރަން ވަނީ ފަށާފައެވެ.

މި އުސޫލުގެ މައިގަނޑު މަޤުޞަދަކީ، މީރާއަށް ދައްކަންޖެހޭ ޓެކުހާއި ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ދެއްކުމަށް އެހީތެރިވުމުގެ ގޮތުން، އެ ފަރާތަކަށް ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއް ވާނަމަ، އެ ފައިސާއަކާ އަޅައިކެނޑުމަށް ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމު ހަމަޖައްސައިދިނުމުގައި ޢަމަލުކުރާނެ އާންމު އުސޫލެއް ކަނޑައެޅުމެވެ.

މި އުސޫލުގެ ދަށުން، މީރާއަށް ފައިސާ ދައްކަންޖެހިފައިވާ ފަރާތްތަކަށް ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ފައިސާ ނުލިބިވާ ނަމަ، އެ ނުލިބިވާ ފައިސާއާއި، އެ ފަރާތުން މީރާއަށް ދައްކަންޖެހިފައިވާ ފައިސާއާ އަޅައިކަނޑައިދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މިކަމަށް އެދި ހުށަހަޅަންޖެހޭނީ މީރާކަނެކްޓް މެދުވެރިކޮށާއި، MIRA 904 (އެޖަސްމަންޓް/ރީފަންޑަށް އެދުން) ފޯމު މެދުވެރިކޮށާއި، ނުވަތަ އީމެއިލް މެދުވެރިކޮށެވެ. މީރާއިން ވިދާޅުވެފައިވަނީ، ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅާއިރު ލިބެންޖެހޭ ފައިސާގެ ތަފްޞީލު ހުށަހަޅަންޖެހޭނެ ކަމަށެވެ.

ދައުލަތުގެ އިދާރާއަކުން ލިބެންޖެހޭ ފައިސާއާ އަޅައިކެނޑުމަށް އެދޭނަމަ، އެ އަދަދުތަކުގެ ސައްޙަކަން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާ މެދުވެރިކޮށް މީރާއިން ކަށަވަރުކުރާނެއެވެ. ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހޭ ފައިސާއެއް ނަމަ، އެ ފައިސާގެ ސައްޙަކަން ކަށަވަރުކުރާނީ އެ ފައިސާއެއް ނިސްބަތްވާ ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށެވެ. ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށް ބަލާނީ މާލީ ވުޒާރާއިން ޝާއިޢުކޮށްފައިވާ ލިސްޓުގައި ހިމެނޭ ކުންފުނިތަކެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައްކަންޖެހިފައިވާ ފައިސާ އަޅައިކަނޑައިދޭނީ ނުދައްކާ ހުރި ފައިސާގެ ތަރުތީބުން އެ ފަރާތުން ދައްކަންޖެހޭ ޕްރިންސިޕަލް އަދަދާއި، ޖޫރިމަނާއާއި، އިންޓްރެސްޓަށް އިސްކަންދީގެންނެވެ. ނަމަވެސް، ދައްކަންޖެހި ނުދައްކަ ހުރި ޕްރިންސިޕަލް އަދަދެއް ނެތް ޙާލަތެއްގައި، ސުންގަޑި ހަމަނުވާ މުއްދަތުތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާގެ އަދަދުތަކާވެސް އަޅައިކަނޑައިދެވޭނެއެވެ.

އަޅައިކެނޑުމުގެ މި އިންތިޒާމު ޢަމަލީގޮތުން ހަމަޖެހޭނީ، ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން އެ ފައިސާއެއް މީރާއަށް ޖަމާކުރުމުންނެވެ. އަދި ފައިސާ ދެއްކި ތާރީޚުގެ ގޮތުގައި ބަލާނީ، މީރާއަށް އެ ފައިސާ ލިބުނު ތާރީޚު ކަމަށްވެސް އުސޫލުގައި ފާހަގަކޮށްފައިވެއެވެ. މި އުސޫލަށް ޢަމަލުކުރަން ފަށާފައިވާއިރު މިކަމަށް ސަމާލުވުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *