މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރުތަކުގެ ކަލަންޑަރު ރަސްމީކޮށް އާންމުކޮށް، އެ ދަތުރުތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
އަންނަ އަހަރަށް ރާވާފައިވާ ޢުމްރާ ދަތުރުތަކުގެ ތެރޭގައި ހިމެނެނީ، ބަރަކާތްތެރި ރަމަޟާން މަހުގެ ޢުމްރާގެ އިތުރުން ޖުލައި މަހުގެ ޢުމްރާ، ސެޕްޓެމްބަރު މަހުގެ ޢުމްރާ އަދި އަހަރު ނިމޭ ޑިސެމްބަރު މަހުގެ ޢުމްރާ ދަތުރެވެ. ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދަތުރުތައް ތާވަލުކޮށްފައިވަނީ ދިރާސީ އާ ކަލަންޑަރަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ސްކޫލު ބޮޑު ޗުއްޓީތަކާއި އާއިލާތަކަށް އެންމެ ފަސޭހަވާނެ ދުވަސްވަރުތަކާ ދިމާކޮށްގެންނެވެ.
މި ދަތުރުތަކުގެ އަގުތަކަށް ބަލާއިރު، މި ހިނގާ އަހަރާ އަޅާބަލާއިރު އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެގޮތުން ޖުލައި އަދި ސެޕްޓެމްބަރު މަހުގެ ޢުމްރާ ޕެކޭޖުގެ އަގަކީ 30،965 (ތިރީސް ހާސް ނުވަސަތޭކަ ފަސްދޮޅަސް ފަސް) ރުފިޔާއެވެ. އަދި ޑިސެމްބަރު މަހުގެ ޢުމްރާ ޕެކޭޖުގެ އަގަކީ 31،965 (އެއްތިރީސް ހާސް ނުވަސަތޭކަ ފަސްދޮޅަސް ފަސް) ރުފިޔާއެވެ. ކޮންމެ ދަތުރަކަށްވެސް ފުރުޞަތު އޮންނާނީ ވަކި ޢަދަދަކަށް ކަމަށްވާތީ، ޖާގަ ކަށަވަރުކުރުމަށް އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" މެދުވެރިކޮށް ނުވަތަ ވެބްސައިޓް (hajj.mv) އިން ވީހާވެސް އަވަހަކަށް ރަޖިސްޓްރީވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކުރެއެވެ.
ޢުމްރާވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ޙައްޖު ކޯޕަރޭޝަނުން ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އަންނަ ރަމަޟާން މަހުގެ ފަހު ފަނަރައިގެ ޢުމްރާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އައްޑޫ ސިޓީ ގަމުން ސީދާ ޖިއްދާއަށް ފްލައިޓު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުރިއަށް އޮތްތަނުގައި ބޮޑެތި ޗުއްޓީތަކާ ދިމާކޮށް ގަމުން ސީދާ ޖިއްދާއަށް ދަތުރުތައް ބޭއްވުމަކީ އެ ކޯޕަރޭޝަންގެ މުހިންމު އަމާޒެއް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، އެއްވެސް އިތުރު އަގަކާ ނުލައި، ޢުމްރާވެރިޔާ ހުރި ރަށަކާ އެންމެ ކައިރިން ވެކްސިން ލިބެންހުރި ޞިއްޙީ މަރުކަޒަކުން ވެކްސިން ޖެހޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސައިދީފައެވެ.
ޙައްޖު ކޯޕަރޭޝަނުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ރާއްޖެއިން ޖިއްދާއަށް ސީދާ ދަތުރުކުރާ ޑައިރެކްޓް ފްލައިޓާއި، ފެންވަރު ރަނގަޅު ހޮޓާތަކުގައި ތިބުމާއި، ހިލޭ ޢުމްރާ ކިޓު ދިނުން ހިމެނެއެވެ. އަދި މަދީނާގައި ހޭދަކުރާ 3 ރޭގެ އިތުރުން، މައްކާއިން މަދީނާއަށް ހައިސްޕީޑް ރޭލުގައި ދަތުރުކުރުމާއި، ލޯންޑްރީ އަދި އިސްތިރި ކުރުމުގެ ޚިދުމަތްވެސް މި ޕެކޭޖުތަކުގެ ތެރޭގައި ހިމެނެއެވެ.
ޢުމްރާވެރިންގެ ޞިއްޙީ ރައްކާތެރިކަމަށް ޚާއްޞަ އިސްކަމެއް ދީގެން ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ކްލިނިކާއި، ފާމަސީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން، ޢުމްރާވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ ލޮކޭޝަން ޓްރެކިންގ ޑިވައިސް އަދި ބަގީގެ ޚިދުމަތްވެސް ފޯރުކޮށްދެވޭނެ ކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވައެވެ.

