މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން އޮފީހުން އިސްނަގައިގެން ބާއްވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް 2026″ ގެ ޕާޓްނަރެއްގެ ގޮތުގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް ހަމަޖައްސައިފިއެވެ.
ޕެންޝަން އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، ޔޫއެންޑީޕީއާ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ގްރީން ފައިނޭންސް މާކެޓު އިތުރަށް ތަރައްޤީކުރުމާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓުތައް ހޯދުމުގެ އިތުރުން ޤައުމުގެ ދިގު މުއްދަތުގެ އިޤުތިޞާދީ އަދި މާލީ ރައްކާތެރިކަން ވަރުގަދަކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރުމަށް މަގުފަހިކުރުމެވެ.
ޕެންޝަން އޮފީހަކީ މެންބަރުންގެ ރިޓަޔަރމަންޓް ސޭވިންގްސް ބަލަހައްޓައި، ދިގު މުއްދަތަކަށް އިންވެސްޓްކުރާ މާލީ މުއައްސަސާއަކަށް ވުމުން، ހަރުދަނާ އަދި ވިލުންވެރި އިޤުތިޞާދަކާއި ފުޅާ އިންވެސްޓްމަންޓް މާކެޓެއް ޤާއިމުކުރުމަކީ އެ އޮފީހުގެ މަޤުޞަދުތަކާ ސީދާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން މިއަހަރުގެ ފޯރަމްގެ ސަބަބުން ގްރީން ފައިނޭންސް މެދުވެރިކޮށް ދެމެހެއްޓެނިވި އިންވެސްޓްމަންޓުގެ ފުރުޞަތުތައް ފުޅާވެ، ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓު ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ޕެންޝަން އޮފީހުން ދެކެއެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި މާލީ ނިޒާމެއް ބިނާކުރުމަކީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ ޤާބިލިއްޔަތު އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވާތީ، މި ފޯރަމް ވެގެންދާނީ ޔޫއެންޑީޕީ މޯލްޑިވްސްގެ މައިގަނޑު ލަނޑުދަނޑިތަކާ ވެސް އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްދާނެ މުހިންމު ހަރަކާތަކަށެވެ.
މިއަހަރުގެ ފައިނޭންސް ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން" މި ޝިޢާރުގެ ދަށުންނެވެ. މި ބައްދަލުވުމުގައި ދަޢުލަތުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަޤުވާމީ ފެންވަރުގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ. މި ފަރާތްތަކުން އެއް މޭޒަކަށް އެއްވެ، ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ދޮރުތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރާނެއެވެ.
މާލީ ދާއިރާގެ މާހިރުން އެއް ފުރާޅެއްގެ ދަށަށް ގެނެސްދޭ މި ފޯރަމުގެ މައިގަނޑު މަޤުޞަދަކީ ގްރީން ފައިނޭންސް ކުރިއަރުވައި، ވިލުންވެރި އިޤުތިޞާދެއް ބިނާކުރުމަށްޓަކައި ޢަމަލީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމުގެ މައްޗަށް ދިރާސާތަކުގެ އަލީގައި ބިނާކުރަނިވި މަޝްވަރާތަކެއް ކުރުމެވެ.
ޕެންޝަން އޮފީހުން ސިލްސިލާކޮށް ބާއްވަމުން އަންނަ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ 13 ވަނަ ބައްދަލުވުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ދުސިތުޑީ2 ފޭދޫ މޯލްޑިވްސްގައެވެ. މި ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކާއި އަލަށް ހުޅުވެމުންދާ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޤާއިމުކޮށްފައިވާ ވަރަށް މުހިންމު ޤައުމީ މަންސައެކެވެ.

