މިއަހަރުގެ މިހާތަނަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް 342 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި އެ ކުންފުންޏަށް މަސްވެރިން އެންމެ ގިނައިން ކިރުވާފައިވަނީ ކަނޑުމަހެވެ. އެގޮތުން 17،540 ޓަނުގެ ކަނޑުމަސް މިފްކޯއަށް ކިރުވާފައިވާއިރު، އޭގެ އަގުގެ ގޮތުގައި މަސްވެރިންނަށް 326،293،946 (ތިންސަތޭކަ ސައްބީސް މިލިއަން ދެލައްކަ ނުވަދިހަ ތިންހާސް ނުވަސަތޭކަ ސާޅީސް ހައެއް) ރުފިޔާ ވަނީ ދޫކޮށްފައެވެ.
މީގެ އިތުރުން، މި މުއްދަތުގައި 826 ޓަނުގެ ރީނދޫ އުރަހަ ކަންނެލި މިފްކޯއަށް ކިރުވާފައިވެއެވެ. އަދި ކަންނެލި ކިރުވި މަސްވެރިންނަށް 16،457،803 (ސޯޅަ މިލިއަން ހަތަރުލައްކަ ފަންސާސް ހަތްހާސް އަށްސަތޭކަ ތިނެއް) ރުފިޔާ ވަނީ ދީފައެވެ.
ޖުމްލަ ގޮތެއްގައި މި އަހަރުގެ މިހާތަނަށް މިފްކޯއަށް 18،366 ޓަނުގެ މަސް ކިރުވާފައިވާއިރު، މަސްވެރިންނަށް ޖުމްލަ 342،751،748 (ތިންސަތޭކަ ސާޅީސް ދެ މިލިއަން ހަތްލައްކަ ފަންސާސް އެއްހާސް ހަތްސަތޭކަ ސާޅީސް އަށެއް) ރުފިޔާ ވަނީ ދޫކޮށްފައެވެ.
މީގެކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ބޮޑެތި ލަސްތަކެއް ކުރިމަތިވި ނަމަވެސް، މިހާރު މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި މަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ އިތުރުން، ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

