މިހާރު ކުރިއަށްދާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" އަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބެމުންދާއިރު، މިހާތަނަށް ލައްކައަކަށްވުރެ ގިނަ މީހުން މި މައުރަޒަށް ޒިޔާރާތްކޮށްފައިވާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިވަގުތު ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު އެއް މައުރަޒު ކަމަށްވާ މި މައުރަޒުގެ ކާމިޔާބީއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، މި ހިނގާ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު މައުރަޒު ފެށުނީއްސުރެ މިހާތަނަށް 110،000 (އެއްލައްކަ ދިހަހާސް) މީހުން ޒިޔާރާތްކޮށްފައިވާ ކަމަށެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާއިރު ގާތްގަނޑަކަށް 36،000 މީހުންގެ އަދަދެކެވެ.

ދިވެހި އުފެއްދުންތެރިންނަށް ހިތްވަރު ދެއްވުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިނާމު ދިނުމުގެ ޖަލްސާ ހިމެނޭހެން ޖުމްލަ 4 ރޭ މި މައުރަޒުގެ ތެރޭގައި ހޭދަކުރައްވާފައި ކަމަށެވެ. އެގޮތުން ޖުމްލަ 11 ގަޑިއިރު މައުރަޒުގައި ރައީސް ހޭދަކުރެއްވި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި 11 ގަޑިއިރު ތެރޭގައި ގާތްގަނޑަކަށް 500 އަށްވުރެ ގިނަ ސްޓޯލަށް ވަޑައިގެން، 1،000 އަށްވުރެ ގިނަ ދިވެހި ލޮބުވެތި އުފެއްދުންތެރިންނާ، ރައްޔިތުންނާ އެމަނިކުފާނު ސީދާ ބައްދަލުކުރެއްވި. އަޅުގަނޑު ހަމަ ބައެއް ހިސާބުތައް ހިއްސާކޮށްލާނަން. އިނާމުދިނުމުގެ ރޭ ގާތްގަނޑަކަށް 3 ގަޑިއިރާ 45 މިނެޓެއްހާއިރު ހޭދަކުރެއްވި މަސައްކަތްތެރިންނާ އެއްކޮށް ހިތްވަރުދިނުމަށް. ދެން ޖެހިގެންއައި 3 ރޭވެސް ގާތްގަނޑަކަށް 3 ގަޑިއިރު ހޭދަކުރެއްވި،

ވަޒީރު

ޖުމްލަ 9 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މައުރަޒު އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާނެއެވެ. މައުރަޒުގެ ތެރެއިން ދިވެހި ސަގާފަތާއި ތާރީޚާ ގުޅުންހުރި ބޮޑުބެރާއި ނެށުމުގެ ފޯރިގަދަ ހަރަކާތްތަކާއި، އާއިލާތަކާއި ކުޑަކުދިންނަށް ޚާއްޞަ ހަވީރުތައް ފަދަ ޝައުގުވެރި އެތައް ކަމެއް ކުރިއަށްދާތީ، މިއީ ޢާންމުންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ މައުރަޒެކެވެ.

މިއަހަރުގެ މައުރަޒު އިންތިޒާމުކޮށްފައިވަނީ މައިގަނޑު 7 ޑިސްޓްރިކްޓަކަށް ބަހާލައިގެންނެވެ. އެއީ:

  1. ވާދަކުރުމުގެ ބައިގެ ޑިސްޓްރިކްޓް: މައުރަޒުގެ މުބާރާތުގައި ބައިވެރިކޮށްފައިވާ އުފެއްދުންތައް ދައްކާލުމަށް.
  2. ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް: އުފެއްދުންތެރި އިޤުތިޞާދީ ޙަރަކާތްތަކަށް ޚާއްޞަ ބައި.
  3. ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް: ޒަމާނީ ޓެކްނޮލޮޖީއާއި އީޖާދީ އުފެއްދުންތަކަށް.
  4. އެންޓަރޓައިންމަންޓް ޑިސްޓްރިކްޓް: މުނިފޫހިފިލުވުމާއި ދިވެހި ސަޤާފީ ހަރަކާތްތަކަށް.
  5. މާކެޓްޕްލޭސް ޑިސްޓްރިކްޓް: ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމަށް.
  6. ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް: ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތަކާއި ޚިދުމަތްތަކަށް.
  7. އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓް: ބައިނަލްއަޤްވާމީ ފަރާތްތަކުގެ ޚިދުމަތްތައް ދައްކާލުމަށް.

ދިވެހި އުފެއްދުންތެރިންގެ ހުނަރުވެރިކަން ދައްކާލުމަށާއި، އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ މި މައުރަޒު ވެގެން ގޮސްފައިވަނީ މި އަހަރު ރާއްޖޭގައި ބޭއްވޭ އެންމެ ކާމިޔާބު އެއް ހަރަކާތަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *