ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން، އަލަށް ފަށާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ޚާއްސަ ފަންޑެއް ޤާއިމްކުރުމަށް ނިންމައި އެކަން ބަޖެޓުގައި ހިމަނާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.
މަޖިލީހުގެ ތަޅުމުގައި ބަޖެޓު ބަޔާން އިއްވަވަމުން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ މުހިންމު އަމާޒަކީ ދިވެހި ޒުވާނުންނަކީ ވަޒީފާ ހޯދާ މީހުންގެ ބަދަލުގައި، ވަޒީފާ އުފައްދާ ބަޔަކަށް ހެދުން ކަމަށެވެ. އަދި އަމިއްލަ ފައިމައްޗަށް ތެދުވާ، އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިންގެ ޖީލެއް ބިނާކުރުމަށްޓަކައި އެސްއެމްއީ ސްޓާޓްއަޕް ތަކަށް ބޭނުންވާ ފަންޑު ފޯރުކޮށްދިނުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ ޤައުމުގެ އިޤްތިޞާދުގެ މައިބަދަ ކަމަށާއި، ދިވެހި ކޮންމެ ކުޑަ ވިޔަފާރިއެއްގެ ފަހަތުގައި ވަނީ އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށާއި އިޤްތިޞާދީ ދުވެލި ހަލުވިކުރުމުގެ އަޒުމުގައި ހުރި ދިވެހި ފަރުދެއް ކަމަށެވެ. އެހެންކަމުން، އެ ފަރާތްތަކަށް ޓެކްސް ދެއްކުމުގައި ހުރި ބުރަތައް ލުއިކޮށްދިނުމުގެ ގޮތުން، ޖީއެސްޓީއަށް ރަޖިސްޓަރީ ކުރަންޖެހޭ އަހަރީ އާމްދަނީގެ ތްރެޝްހޯލްޑް 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށާއި، މި ބަދަލަށް އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޢަމަލުކުރަން ފަށާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި ސަރަޙައްދީ ފެންވަރެއްގައި އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށްޓަކައި "އައްޑޫ އެސްއެމްއީ ޓްރޭޑް ފެސިލިޓޭޝަން ޒޯން" ޤާއިމްކުރުމަށް ވެސް ބަޖެޓުގައި ވަނީ ހިމަނާފައެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
އެގޮތުން، އެ ޒޯނުގައި ސަރުކާރުގެ ބިން ކުއްޔަށް ނަގައިގެން ވިޔަފާރިކުރާ ފަރާތްތަކަށް ބިމު ކުލި އެއްކޮށް މަޢާފުކޮށްދިނުމާއި، ބީޕީޓީ ނުވަތަ އިންކަމް ޓެކްސް ދައްކަން ނުޖެހޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި ބިދޭސީ މުވައްޒަފުންގެ ކޯޓާ ފީއަށް ބޮޑެތި ލުއިތަކެއް ލިބުމުގެ އިތުރުން، ވިޔަފާރީގެ ބޭނުމަށް އެތެރެކުރާ އުޅަނދުތަކުގެ އަހަރީ ފީ މަޢާފުކޮށްދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

