ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖު ކަމަށްވާ ބައިނޭންސް އަށް އަމާޒުކޮށް ސައިބާ ހަމަލާއެއްދީ، 6.3 ބިލިއަން އެމެރިކާ ޑޮލަރުގެ ޑިޖިޓަލް މުދާ ނަގާފައިވާ ކަމަށް އެ ކުންފުނިން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ. މިއީ ތާރީޚުގައި ވެސް މިހާތަނަށް ހިންގި އެންމެ ބޮޑު ކްރިޕްޓޯ ވައްކަން ކަމަށް މާހިރުން ބުނެއެވެ.
ބައިނޭންސްއިން ބުނި ގޮތުގައި، ގެއްލުނު ފައިސާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މިހާރު ވަނީ ފްރީޒް ކުރެވިފައެވެ. ނަމަވެސް، އަދިވެސް ގިނަ އަދަދެއްގެ ފައިސާ ހުރީ ހެކަރުންގެ ބާރުގެ ދަށުގައެވެ. ކަސްޓަމަރުންގެ ރައްކާތެރިކަމަށް ޔަގީންކަން ދެމުން ބައިނޭންސްއިން ބުނީ، މި ހާދިސާގައި ލިބުނު ހުރިހާ ގެއްލުމެއް ކުންފުނީގެ ފަރާތުން ފޫބައްދައިދޭނެ ކަމަށެވެ.
ކުންފުނީގެ ކޯ-ސީއީއޯ ރިޗަޑް ޓެންގް ވިދާޅުވީ، ފުރަތަމަ ފެނުނު ގޮތުގައި މި ހަމަލާ ދީފައިވަނީ އެ ކުންފުނީގެ އިންޖިނިއަރެއްގެ ލެޕްޓޮޕް ހެކްކޮށް، ސިސްޓަމް ތެރެއިން ހުއްދަނެތް ޓްރާންސެކްޝަންތަކެއް ހިންގައިގެން ކަމަށެވެ. ނަމަވެސް ފަހުން ކުރި ތަހުގީގުތަކުން އިތުރު ދޮރުތަކެއް ބޭނުންކޮށްގެން ސިސްޓަމަށް ވަދެފައިވާކަން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ވަރަށް ފުޅާކޮށް ރޭވިގެން ހިންގި ކަމެއް ކަމަށާއި، ވޮލެޓްތަކުގެ ޕްރައިވެޓް ކީ ލީކުވެފައިވާ ކަމުގެ ހެއްކެއް އަދި ފެނިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސެކިއުރިޓީ ތަހުލީލުކުރާ ދެ ފާމަކުން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާގެ ފަހަތުގައިވަނީ އުތުރު ކޮރެއާއަށް ނިސްބަތްވާ "ޓްރޭޑަރޓްރެއިޓަރ" ނުވަތަ "ލަޒަރަސް ގްރޫޕް" އެވެ. މިއީ 2025 ވަނަ އަހަރު ބައިބިޓް އެކްސްޗޭންޖުން 1.5 ބިލިއަން ޑޮލަރު ވަގަށް ނެގި ގްރޫޕެވެ.
ސައިބަރ ސެކިއުރިޓީ ފާމެއް ކަމަށްވާ ޗެކް ޕޮއިންޓް އަދި ޓީއާރްއެމް ލެބްސް އިން ބުނީ، މި ހަމަލާ ދީފައިވާ ގޮތް ކުރިން އުތުރު ކޮރެއާއިން ދީފައިވާ ހަމަލާތަކާ ވަރަށް ބޮޑަށް އެއްގޮތް ކަމަށެވެ. ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ކުރިން ތުހުމަތުކޮށްފައިވާ ގޮތުގައި، އުތުރު ކޮރެއާއިން މިފަދަ ވައްކަންތައް ކުރަނީ އެ ގައުމުގެ ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމްތަކަށް ފަންޑު ހޯދުމަށެވެ. ނަމަވެސް އުތުރު ކޮރެއާއިން އަބަދުވެސް މި ތުހުމަތުތައް ދޮގުކުރެއެވެ.
މި ހާދިސާއާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. ބިޓްކޮއިންގެ އަގު %4 އަށް ވުރެ ބޮޑަށް ވެއްޓިފައިވާއިރު، އިތީރިއަމް އަދި ސޮލާނާ ފަދަ އެހެން ކަރަންސީތަކުގެ އަގުވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައިނޭންސްއިން ފައިސާ ނެގުން (ވިތުޑްރޯވަލް) ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު، ޓެދަރ އަދި ސާކަލް ފަދަ ކްރިޕްޓޯ ކުންފުނިތަކުން ވަނީ ވަގަށް ނަގަން އުޅުނު 2.4 ބިލިއަން ޑޮލަރު ފްރީޒްކޮށްދީފައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާއިލާއާ ގުޅުން އޮންނަ ވޯލްޑް ލިބަޓީ ފައިނޭންޝަލް އިން ވެސް ވަނީ މި ފައިސާ ހޯދުމުގައި އެހީތެރިވަމުން އަންނަ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އެމެރިކާގެ ކަސްޓަމަރުން ބޭނުންކުރާ ބައިނޭންސް.ޔޫއެސް އަދި އެހެން އެކްސްޗޭންޖެއް ކަމަށްވާ ކޮއިންބޭސް އަށް މި ހާދިސާގެ އެއްވެސް އަސަރެއް ކޮށްފައެއް ނުވެއެވެ.
2017 ވަނަ އަހަރު ޗައިނާގައި އުފެދުނު ބައިނޭންސް އަކީ މުޅި ދުނިޔޭގައި 300 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ، އަދި 160 ބިލިއަން ޑޮލަރުގެ އެސެޓް ބަލަހައްޓަމުންދާ ކުންފުންޏެކެވެ. މި ހަމަލާ ދިން ފަރާތްތައް ދެނެގަނެ، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

