މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) ގެ ދަށުން ދެހާހަށްވުރެ ގިނަ މެންބަރުންނަށް 14.84 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ.

ޕެންޝަން އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ޖުމްލަ 2،773 ފަރާތަކަށް ވަނީ ފައިސާ ދޫކޮށްފައެވެ. މި ސްކީމަކީ މުވައްޒަފުންނާއި ވަޒީފާދޭ ފަރާތްތަކުން މަހުން މަހަށް ޖަމާކުރާ ފައިސާ (ކޮންޓްރިބިއުޝަން) ގެ މައްޗަށް ބިނާވެފައިވާ ސްކީމެކެވެ. މި ސްކީމުގެ މައިގަނޑު ބޭނުމަކީ ވަޒީފާ އަދާކުރާ ދުވަސްވަރު ފައިސާ ރައްކާކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ވަޒީފާއިން ވަކިވުމަށްފަހު މާލީ ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި އާމްދަނީއެއް ކަށަވަރުކޮށްދިނުމެވެ.

ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ދެ ބައެއްގެ މައްޗަށެވެ. އެއީ ވަޒީފާއިން މުސްކުޅިކުރާ ޢުމުރުގައި މާލީ ރައްކާތެރިކަން ހޯދުމަށް ފައިސާ ރައްކާކުރުމުގެ ފުރުޞަތު ފަހިކޮށްދޭ "މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް" އަދި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދެމުން އަންނަ "އަސާސީ ޕެންޝަން" އެވެ. މީގެއިތުރުން، ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ދެވޭ ޚާއްޞަ ޢިނާޔަތްތަކާއި، ދައުލަތުގެ އެހެނިހެން ރިޓަޔަރމަންޓް ޕެންޝަންތައް ހިންގާ ބެލެހެއްޓުމުގެ މަސްއޫލިއްޔަތުވެސް އަދާކުރަމުންދަނީ އެ އޮފީހުންނެވެ.

މިގޮތުން، ދޮށީ ޢުމުރުގެ ރައްޔިތުން ފަޤީރުކަމުން ރައްކާތެރިކޮށް، އެ ފަރާތްތަކަށް އެކަށޭނަ އަސާސީ އާމްދަނީއެއް ކަށަވަރުކޮށްދިނުމުގެ މަޤްޞަދުގައި ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ އަސާސީ ޕެންޝަނުގެ ގޮތުގައި މިދިޔަ މަހު ވަނީ 27،420 މީހުންނަށް ޖުމްލަ 128.98 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.

ހަމައެއާއެކު، ދައުލަތުގެ މުއައްސަސާތަކުގައި 20 އަހަރާއި 40 އަހަރާ ދެމެދުގެ މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޫކުރެވޭ ދިގު މުއްދަތުގެ ޚިދުމަތުގެ ޕެންޝަންގެ ގޮތުގައި 2،198 މީހުންނަށް 4.30 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި ދައުލަތުގެ އެކި މުއައްސަސާތަކާއި ޔުނިފޯމް އެޅި ޚިދުމަތްތަކުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންފައިވާ ފަރާތްތަކަށް ދެވޭ ދައުލަތުގެ އެހެނިހެން ޕެންޝަންގެ ގޮތުގައި 4،847 ފަރާތަކަށް 26.06 މިލިޔަން ރުފިޔާ ޕެންޝަން އޮފީހުން ވަނީ ދޫކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *