ދިވެހިރާއްޖޭގައި ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ތަޢާރަފްކުރުމާއެކު، މިއަހަރުގެ މިހާތަނަށް ރީ-އެކްސްޕޯޓްކޮށްގެން ރާއްޖެއަށް ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން ޢާންމުކޮށްފައިވާ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ރީ-އެކްސްޕޯޓްގެ ވިޔަފާރިން ރާއްޖެއަށް 319 މިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 299 މިލިއަން ޑޮލަރާ އަޅާބަލާއިރު 6.8 އިންސައްތައިގެ ކުރިއެރުމެކެވެ.

ރީ-އެކްސްޕޯޓް އާމްދަނީއަށް މިފަދަ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދު ފުޅާކުރުމަށްޓަކައި 2024 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ތަޢާރަފްކުރި ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތާ ގުޅިގެންނެވެ. ރީ-އެކްސްޕޯޓަކީ ބޭރުގެ އެހެން ޤައުމުތަކުން ރާއްޖެއަށް މުދާ ގެނައުމަށްފަހު، އެ މުދާ އަލުން އެހެން ޤައުމުތަކަށް އެކްސްޕޯޓްކުރުމެވެ. މިގޮތުން ސީ-ޓު-އެއަރ ކާގޯ ޚިދުމަތުގެ ދަށުން ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ، ޓްރާންސިޓްކޮށް ވައިގެ މަގުން ދުނިޔޭގެ އެކި މަންޒިލްތަކަށް އަވަސްކަމާއެކު ދަނީ ފޮނުވަމުންނެވެ.

މި ޚިދުމަތް ރާއްޖޭގައި ފެށިތާ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ތަރުޙީބެއް ލިބެމުން އަންނައިރު، މިހާރުވެސް ބައިނަލްއަޤްވާމީ 17 އަށްވުރެ ގިނަ އެއާލައިނުން މި ޚިދުމަތާ ގުޅިފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މިދިޔަ ޖުލައި މަހު އެކަނިވެސް ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެ މަގުން ވަނީ ބޭރު ޤައުމުތަކަށް ފޮނުވާފައެވެ.

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކުން ކާމިޔާބުކަމާއެކު ހިންގަމުން އަންނަ، އަދި އިޤްތިޞާދަށް ބޮޑެތި މާލީ މަންފާތަކެއް ލިބެމުންދާ ވިޔަފާރިއެކެވެ. ރާއްޖެއަކީ ދުނިޔޭގެ މަޝްހޫރު އެތައް އެއާލައިނަކުން ދަތުރުކުރާ މައި މަރުކަޒަކަށް ވުމާއެކު، ރާއްޖޭގެ ޖިއޮގްރަފީ އެދެވޭ ސަރަޙައްދު ބޭނުންކޮށްގެން މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ފުރުޞަތު ވަރަށް ބޮޑަށް އެބައޮތް ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *