އާންމުންގެ ބޮޑު ތަރުޙީބަކާއި ޝައުޤުވެރިކަމެއް ލިބިގެންދިޔަ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" މުޅި ޖުމްލަ 9 ދުވަހުގެ މުއްދަތަށްފަހު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއެރުވުމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމުގެ މަތިވެރި މަޤްޞަދުގައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި މައުރަޒަކީ، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކޮށްގެން ބޭއްވި ހަރަކާތެކެވެ. މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މިމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރާއި ރޭގަނޑު ކުރިއަށްދިޔަ މި މައުރަޒަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ބޭއްވުނު މިފަދަ އެންމެ ބޮޑު އަދި އެންމެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެއް މައުރަޒެވެ.
މި މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މައުރަޒު ކުރިއަށްދިޔަ މުއްދަތުގެ ތެރޭގައި 3 ރެއެއްގެ މަތިން ޒިޔާރަތްކުރައްވައި، ބައިވެރިންގެ އުފެއްދުންތައް ވަރަށް ގާތުން ބައްލަވާލައްވައި ފަންނުވެރިންނަށް ހިތްވަރު ދެއްވާފައެވެ.
މި މައުރަޒުގައި ދިވެހިންގެ ސަގާފީ އަދި އަތްތެރި މަސައްކަތްތަކުގެ މުއްސަނދިކަން ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވެއެވެ. އެގޮތުން ކަސަބު ބޯވަޅު އެޅި ލިބާހާއި، ކުރަހަނިކަމާއި، ތިލޭރުކަމުގެ މަސައްކަތްތަކުގެ އިތުރުން ލިޔެލާޖެހުން ފަދަ ކާބަފައިންގެ ޒަމާންވީ ހުނަރުތަކުން އުފައްދާފައިވާ ތަކެއްޗާއި، ފަންނުވެރި ކުރެހުންތެރިންގެ މޮޅު އުފެއްދުންތައް މައުރަޒުން ފެނިގެންދިޔައެވެ. މީގެ އިތުރުން ދިވެހި ކާބޯތަކެތީގެ ސްޓޯލްތަކާއި، އެކި ކުންފުނިތަކުން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސްޓޯލްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
އުފެއްދުންތައް ދައްކާލުމުގެ އިތުރުން، ޒިޔާރަތްކުރި ފަރާތްތަކުގެ މުނިފޫހިފިލުވުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްދިޔައިރު، ކުޑަކުދިންނާއި ޒުވާނުން ޝައުޤުވެރިވާ ފަދަ ކުޅިވަރުތައްވެސް ވަނީ ހިމަނާފައެވެ. ވަކިން ޚާއްޞަކޮށް، މައުރަޒުގެ ތެރެއިން އެންމެ ބޮޑު މަޤްބޫލުކަމެއް ހޯދި ބޮޑުބެރު ޗެލެންޖާއި ސަޤާފީ ވާދައިގެ ސަބަބުން، ދިވެހި ސަގާފީ މުނިފޫހިފިލުވުމުގެ ހުނަރުތައް އަދިވެސް ދިވެހިންގެ މެދުގައި ފޯރިއާއެކު ދިރިހުރިކަން ވަނީ ހާމަވެގެން ގޮސްފައެވެ.
ބީސީސީން ހާމަކުރި ގޮތުގައި، 9 ދުވަހުގެ ތެރޭގައި 205،000 (ދެ ލައްކަ ފަސް ހާހަށް) ވުރެ ގިނަ މީހުން ވަނީ މި މައުރަޒަށް ޒިޔާރަތްކޮށްފައެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 41،000 އެއްހާ މީހުންނެވެ. އާންމު ރައްޔިތުންނާއި އާއިލާތަކުގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރި ގިނަ އަދަދެއްގެ ބޭރުގެ ފަތުރުވެރިންވެސް މި މައުރަޒަށް ޒިޔާރަތްކޮށްފައިވާތީ، މިއީ ވިޔަފާރިތަކަށާއި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކަށް އުފެއްދުންތައް މާކެޓްކުރުމަށާއި އައު ކަސްޓަމަރުންނާއި އިންވެސްޓަރުން ހޯދުމަށް ލިބުނު އަގުހުރި ފުރުޞަތެކެވެ.
މިއަހަރުގެ މައުރަޒުގައި 419 ފަރާތަކުން 4,404 އުފެއްދުން ބައިވެރިކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ 2,400 އުފެއްދުމާ އަޅާބަލާއިރު %83.5 ގެ ބޮޑު ކުރިއެރުމެކެވެ. މައުރަޒުގައި އެންމެ ބޮޑު ބައެއް ހިއްސާކުރީ އަމިއްލަ ފަރުދުންނެވެ. އެގޮތުން 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ ދާއިރާއާއި ޖަމްޢިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ބައިވެރިވުމެއް ދައްކުވައިދީފައެވެ.

