ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ލިބުނު ބޭރުގެ އިންވެސްޓްމެންޓްތަކާއި، ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރުމުގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ވަކިކުރުމަށް އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ.
މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ރަސްމީ ރޭޓުގައި ދޫކޮށްފައިވާ ޑޮލަރަށްވުރެ 80 އިންސައްތަ އިތުރަށް މި ސަރުކާރުން މިހާތަނަށް ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން، ނިމިދިޔަ ސަރުކާރުގެ ފަހު ތިން އަހަރު ރަސްމީ ރޭޓުގައި އާންމުންނަށް ދޫކޮށްފައި ވަނީ 1.75 މިލިއަން ޑޮލަރު ކަމަށާއި، ނަމަވެސް މި ސަރުކާރުން މިހާތަނަށް 1.9 ބިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ ފަހު ތިން އަހަރު ޑޮލަރު ދޫކުރި ވަރަށް ވުރެ މި ތިން އަހަރު މަހަކަށް ޑޮލަރު ދޫކުރި ވަރު ހުރީ މަހަކަށް ގާތްގަނޑަކަށް 97 ޕަސެންޓުން އިތުރުވެފައި
ވަޒީރު ސަޢީދު
ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، 2024 ވަނަ އަހަރު އެކަނިވެސް ރަސްމީ ރޭޓުގައި 483.53 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ. އަދި 2025 ވަނަ އަހަރު 733.82 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް 718.53 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާ ކަމަށާއި، މިއީ 80 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ވޭތުވެދިޔަ ހަތަރު ދައުރުގެ ތެރޭގައި ރަޖިސްޓްރީ ކުރެވުނު ފޮރިން އިންވެސްޓްމެންޓްތަކުގެ އަދަދުތައް އަޅާކިޔުއްވަމުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މި ވޭތުވެދިޔަ މުއްދަތަކީ އިންވެސްޓްމެންޓްތަކުގެ ގޮތުން ބޮޑު ރެކޯޑެއް ހާސިލުކުރެވުނު ދުވަސްވަރެއް ކަމަށެވެ.
2008 އިން 2013 އަށް 212 އިންވެސްޓްމެންޓް، 2013 އިން 2018 އަށް 406 އިންވެސްޓްމެންޓް ރަޖިސްޓްރީކުރެވުނު. 2018 އިން 2022 އަށް 245 އިންވެސްޓްމެންޓް ރަޖިސްޓްރީކުރެވުނު އިރު މި ތިން އަހަރު ތެރޭ 313 އިންވެސްޓްމެންޓް ރަޖިސްޓްރީކުރެވުނު،
ވަޒީރު
ރާއްޖެއަށް އެތެރެކުރާ މުދާ ކްލިއާ ކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، އެ ދަތިތައް ކުރިމަތިވަނީ މާލޭ ވިޔަފާރި ބަނދަރުގެ ޖާގަ ކުޑަވުމުގެ ސަބަބުން ކަމަށެވެ. އަދި އެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ޢަމަލީ ގޮތުން މަސައްކަތްކުރާ ހަމައެކަނި ސަރުކާރަކީ މި ސަރުކާރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވުޒާރާއަކީ މައުލޫމާތު ހާމަކުރުމުގައި ނަމޫނާ އިދާރާއެކެވެ. އެގޮތުން، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (އާރްޓީއައި) ގެ ދަށުން ހުށަހެޅުނު 192 ހުށަހެޅުމަކަށް ޖަވާބުދީފައިވާނެ ކަމަށާއި، އަދި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް 184 ފަހަރު މީޑިއާއާ ބައްދަލުކުރައްވާފައިވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

