ޢުމުރުން 65 އަހަރު ހަމަވާ ފަހުންވެސް ރިޓަޔަރމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ޙައްޖުވުމަށް ބޭނުންކުރެވޭނެ ގޮތަށް، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން އެކުލަވާލި އައު ޤަވާއިދަށް ޢަމަލުކުރަން ފަށައިފިއެވެ. މި ޤަވާއިދު އެކުލަވާލާފައިވަނީ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙުގެ ދަށުންނެވެ.

ޕެންޝަން އޮފީހުން ވިދާޅުވީ، މި އިޞްލާޙު ގެނައުމުގެ ކުރިން ޢުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށާއި، ޙައްޖު ޖާގަ ކަށަވަރުވާއިރު ޢުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށް ޖާގަ ރިޒާވްކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ފުރުޞަތު އޮންނަނީ ބަންދުވެފައެވެ. ނަމަވެސް، ޤާނޫނަށް ގެނައި ބަދަލާއެކު، ޝަރުތުހަމަވާ ކޮންމެ ޢުމުރެއްގެ މީހަކަށްވެސް މި އެކައުންޓުގައިވާ ފައިސާ ބޭނުންކޮށްގެން ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރެވޭނެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ. އެހެންކަމުން، މީގެ ކުރިން 65 އަހަރު ފުރުމުގެ ސަބަބުން މި ފުރުޞަތުން މަޙްރޫމްވެފައި ތިބި ފަރާތްތަކަށްވެސް މިހާރު މި ލުއިފަސޭހަކަން ލިބިގެންދާނެއެވެ.

ޕެންޝަން އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، މި ސްކީމުގެ ދަށުން ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމުގެ ޝަރުތު ހަމަވާނީ ކުރިން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ އަދި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް (އާރް.އެސް.އޭ) ގައި މަދުވެގެން 336،000 (ތިންލައްކަ ތިރީސް ހަހާސް) ރުފިޔާ ހުންނަ މެންބަރުންނަށެވެ. އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާނަމަ، އެ ޢަދަދު އުނިކުރުމަށްފަހުވެސް އެކައުންޓުގައި މަދުވެގެން 336،000 ރުފިޔާ ހުންނަންވާނެއެވެ.

މި އުޞޫލުގެ ދަށުން ޙައްޖަށް ދާން އެދޭ މެންބަރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޙައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ ދެއްކުމަށްފަހު، ބާކީބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދެވޭނެއެވެ. އެހެންނަމަވެސް، ޖާގަ ރިޒާވްކުރާ ވަގުތު އެ ފައިސާ ޕެންޝަން އެކައުންޓުން އުންޏެއް ނުވާނެއެވެ. އަދި ޙައްޖު ކޯޕަރޭޝަނާ ފައިސާ ޙަވާލުކުރުމާ ހަމައަށް، އެ ފައިސާ ދާނީ އިންވެސްޓްކުރެވެމުންނެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) އިން މިހާރުވެސް ޕެންޝަން ލިބެމުންދާ މެންބަރުންނާއި އަލަށް ރިޓަޔަރކުރާ މެންބަރުންނަށް ދެވޭ ޕެންޝަން ފައިސާ ހިސާބުކުރާއިރު، ޙައްޖަށް ރިޒާވްކުރާ ފައިސާގެ ޢަދަދެއް ނުހިމެނޭނެއެވެ. އެހެންކަމުން ޙައްޖު ބެނެފިޓުގެ ދަށުން ފައިސާ ބޭނުންކުރުމުން މަހުން މަހަށް ލިބޭ ޕެންޝަންގެ ޢަދަދަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ޕެންޝަން އޮފީހުން ހާމަކުރެއެވެ. ނަމަވެސް، އެއްވެސް ސަބަބަކާހުރެ ޙައްޖު ރިޒަވޭޝަން ކެންސަލްވެ، އެ ފައިސާ އަނބުރާ ރިޓަޔަރމަންޓު ސޭވިންގްސް އެކައުންޓަށް ޖަމާވެއްޖެނަމަ، އެ ފައިސާ ހިމަނައިގެން ޕެންޝަން އަލުން ހިސާބުކުރެވޭނެ ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މިއަހަރުގެ ޖުލައި މަހު ޕެންޝަން އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޕެންޝަން ފަންޑުން ޙައްޖު އަދާކުރުމުގެ ޝަރުތުހަމަވާ 23،000 އަށް ވުރެ ގިނަ ފަރާތް އެބަތިއްބެވެ. މީގެ ތެރޭގައި ޢުމުރުން 65 އަހަރުން މަތީގެ 1،634 އަންހެނުންނާއި 3،846 ފިރިހެނުން ހިމެނެއެވެ. މިއީ އެފަރާތްތަކަށް ފަރުޟު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަހި ފުރުޞަތެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *