ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކާބޯތަކެތި އުފެއްދުމުގެ މަސައްކަތް ފުޅާވަމުން އަންނައިރު، އެ ފަރާތްތަކުން އުފައްދާ ތަކެތި ބާޒާރަށް ނެރެ ވިއްކޭނެ އެކަށީގެންވާ މަގުތަކެއް ފަހިކޮށްދިނުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދިވެހިންގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ދައްކުވައިދޭ ކާބޯތަކެތީގެ މައުރަޒަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ކާބޯތަކެތީގެ މައުރަޒުތަކުން ފެނިގެންދަނީ ހަމައެކަނި ވިޔަފާރިއެއް ނޫން ކަމަށާއި، އެއީ ދިވެހިންގެ ސަގާފަތާއި އާދަކާދައާ ވެސް ގުޅިފައިވާ ކަމެކެވެ. އެހެންކަމުން ތަފާތު މުނާސަބަތުތަކާ ދިމާކޮށް މިފަދަ މައުރަޒުތަކާއި މާކެޓިންގެ ފުރުޞަތުތައް ރައްޔިތުންނަށް ފަހިކޮށްދިނުމަކީ ސަރުކާރުން އިސްކަންދޭ ކަމެކެވެ.
ގޭގައި ކުދި ވިޔަފާރިތަކުގެ ގޮތުގައާއި މެދުފަންތީގައި ކާބޯތަކެތި އުފައްދާ ފަރާތްތަކަށް މާކެޓު އޮތް ނަމަވެސް، އެ ފަރާތްތަކަށް އަބަދުވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އުފައްދާ ތަކެތި ފަސޭހަކަމާއެކު ބާޒާރަށް ނެރެ، އެކަށީގެންވާ އަގެއްގައި ވިއްކުމަށް ހުރި ހުރަސްތަކެވެ.
މިކަމާ ގުޅޭގޮތުން ވަޒީރު ޝިޔާމް ވިދާޅުވީ، ކާބޯތަކެތި އުފައްދާ ފަރާތްތަކަށް ބާޒާރުން ފުރުޞަތު ފަހިކޮށްދިނުމަށް އެހީތެރިކަން ބޭނުންވާ ކަމަށެވެ. ޚާއްސަކޮށް، ރާއްޖެއަކީ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކަށް ވުމުން، މިފަދަ ތަކެތި ފަތުރުވެރިކަމުގެ ބާޒާރަށާއި ޑޮމެސްޓިކް މާކެޓަށް ނެރެވޭނެ ހަރުދަނާ އިންތިޒާމެއް ހަމަޖެހުމަކީ މުހިންމު ކަމެކެވެ. ރިޒޯޓުތަކަށާއި ރާއްޖޭގެ ބޮޑެތި ފިހާރަތަކަށް މި ތަކެތި ވިއްކޭނެ ދޮރުތައް ހުޅުވިގެން ދިއުމަކީ ދަނޑުވެރިކަމާއި އުފެއްދުންތެރިކަމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
"މިއީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި އަދި ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށްޓަކައި ހިނގާ ދަނޑުވެރިކަމުގެ އެކި ޕްރޮގްރާމްތަކުން މަޝްރޫއުތައް، އަދި ދަނޑުވެރިން އުފައްދާ އުފެއްދުންތައް އިތުރުކުރި ވަރަކަށް މި އުފެއްދުންތައްވެސް ބާޒާރަށް އިތުރުވެގެންދާނެ. މިއީ ވަރަށް ބޮޑު ޑިމާންޑެއް އޮތް ކަމެއް. އެ ޑިމާންޑައް ކޭޓަރ ކުރެވޭނެ ސްޓޭންޑަރޑްއެއް ތަކެތި އުފެއްދުމުގައި ނުވަތަ ޕެކޭޖިންގައި މި ބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ،" ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ޚާއްސަ އިސްކަމެއް ދީގެން ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. މިގޮތުން ބޭރު ގައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އަމިއްލަ ފަސްގަނޑުގައި ތަކެތި ހައްދައިގެން ތައްޔާރުކުރާ އުފެއްދުންތައް އިތުރުކުރުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ވަނީ އެކަށައަޅާފައެވެ.
މާކެޓުތަކަށް ދިވެހި އުފެއްދުންތައް ނެރެވޭނެ ފަހި ނިޒާމެއް ޤާއިމުކުރެވި، ޕެކޭޖިންގ އަދި ފެންވަރު ރަނގަޅުކުރުމަށް އެހީތެރިކަން ލިބިގެންދިއުމަކީ އުފެއްދުންތެރިންނަށް ލިބޭނެ ބޮޑު ހިތްވަރެކެވެ. މިއީ ޤައުމުގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުވެ، ކާބޯތަކެތީގެ ޔަޤީންކަން ދެމެހެއްޓުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ.

