ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 'ބޭންކް ފަންޑު' ގެ ދީލަތި އެހީތެރިކަމާއެކު، ކަސްރަތާއި ހިތުގެ ދުޅަހެޔޮކަމަށް މުޖުތަމައު ހޭލުންތެރިކުރުވުމަށްޓަކައި 'ޓައިނީ ހާޓްސް އޮފް މޯލްޑިވްސް' އިން ކުރިއަށްގެންދިޔަ "ހާޓް ހެލްތީ ރާއްޖެ" ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަޝްރޫއާ ގުޅޭގޮތުން ބީއެމްއެލްއިން ބުނީ، ރާއްޖޭގެ 'ފިޒިކަލް އެކްޓިވިޓީ ގައިޑްލައިން (2022)' ގެ މައްޗަށް ބިނާކޮށް، ތަފާތު އުމުރުފުރާތަކަށާއި މީހުންގެ ޖިސްމާނީ ގާބިލިއްޔަތު ހުރި މިންވަރަށް ރިއާޔަތްކޮށް ކަސްރަތު ކުރާނެ ގޮތް ދަސްކޮށްދޭ 10 ވީޑިއޯއެއް މި ޕްރޮޖެކްޓްގެ ދަށުން ތައްޔާރުކޮށްފައިވާ ކަމަށެވެ. މި ވީޑިއޯތަކުގެ ތެރޭގައި ތުއްތު ކުދިންނާއި، ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، ބޮޑެތި މީހުންގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ވީޑިއޯތައް ވެސް ހިމެނެއެވެ.

އާންމުންނަށް ލުއިފަސޭހަކަމާއެކު މި ވަސީލަތްތައް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މި ވީޑިއޯތައް މިހާރު ވަނީ ޓައިނީ ހާޓްސްގެ ރަސްމީ ވެބްސައިޓުގަޔާއި އެކަމަށް ޚާއްސަކޮށްފައިވާ އިންސްޓަގްރާމް ޕޭޖުގައި އާންމުކޮށްފައެވެ. އަދި ވީހާވެސް ގިނަ ބަޔަކަށް މި މައުލޫމާތުތައް ފޯރުކޮށްދިނުމުގެ މަގު ފަހިކުރުމަށްޓަކައި، މި ވީޑިއޯތައް ފަސޭހަކަމާއެކު ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

މި ޕްރޮޖެކްޓްގެ މައިގަނޑު މަގްސަދަކީ ކަސްރަތު ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ފަހިކޮށްދީ، ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް ގައުމީ ފެންވަރުގައި ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމެވެ.

މި މަޝްރޫއު ނިމުމާ ގުޅިގެން ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ ޗެއާޕާސަން ޖީހާން މަހްމޫދު ވިދާޅުވީ، މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ކޮންމެ އުމުރެއްގެ، ކޮންމެ ހާލަތެއްގައި ހުރި މީހަކަށް ވެސް ކަސްރަތު ކުރުމުގެ މަގު ފަހިކޮށްދިނުން ކަމަށެވެ.
"ބީއެމްއެލްގެ ބޭންކް ފަންޑުގެ އެހީއާއެކު މި ވަސީލަތްތައް މުޅި ރާއްޖޭގެ އާއިލާތަކަށާއި ރަށްރަށަށް ހިލޭ ފޯރުކޮށްދިނުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބިގެން ހިނގައްޖެ،" ޖީހާން ވިދާޅުވިއެވެ.

'ބޭންކް ފަންޑު' އަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ހުޅުވާލައިގެން، މުޖުތަމައުގެ ލާބައާއި މަންފާއަށް އަމާޒުކޮށް ބީއެމްއެލްއިން ކޮންމެ އަހަރަކު ވެސް ހިންގަމުން އަންނަ ހިލޭ އެހީގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ކޮންމެ އަހަރަކު ހޮވާލެވޭ ފަސް މަޝްރޫއަކަށް، މުޖުތަމައަށް ފައިދާހުރި ދެމެހެއްޓެނިވި ހަރަކާތްތައް ހިންގުމަށްޓަކައި، ކޮންމެ މަޝްރޫއަކަށް 200,000 ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *