އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ލޮލުގެ ފަންތި (ރެޓީނާ) ސްކްރީން ކުރާ ޚާއްސަ ޚިދުމަތެއް، އައިރިސް (EyRIS) އާ ގުޅިގެން އައިކެއަރ ހޮސްޕިޓަލުން ރަސްމީކޮށް އިފުތިތާޙްކޮށްފިއެވެ.
މި ޚިދުމަތް ރަސްމީކޮށް އިފުތިތާޙްކޮށްފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި 'މޯލްޑިވްސް ހެލްތް އެންޑް ފެމިލީ އެކްސްޕޯ 2026′ ގައެވެ. މި ޚިދުމަތް ރަސްމީކޮށް އިފުތިތާޙްކޮށްދެއްވީ މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ޙަމްދޫން ނާޞިރާއި، އައިކެއަރގެ މެނޭޖިން ޑިރެކްޓަރު ޑރ. ޢަބްދުﷲ ޒާހިރެވެ.
އައިކެއަރ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އައު ޚިދުމަތުގެ ސަބަބުން ލޮލުގެ ބަލިތަކުގެ އަލާމާތްތައް ކުރިއާލާ ދެނެގަނެވި، އިތުރު ތަހުލީލުތަކާއި އަވަސް ފަރުވާ ބޭނުންވާ ފަރާތްތައް ދެނެގަތުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން، މި ޚިދުމަތުގައި ބޭނުންކުރަނީ ޚާއްސަ ކެމެރާއެއްގެ އެހީގައި ލޮލުގެ ފަހަތުގައިވާ ފަންތީގެ ފޮޓޯ ނެގުމަށްފަހު، އައިރިސްގެ 'SELENA+' އޭއައި ސިސްޓަމް މެދުވެރިކޮށް ތަހުލީލުކުރާ ނިޒާމެކެވެ.
މި ޒަމާނީ ސިސްޓަމްގެ އެހީގައި ހަކުރުބަލީގެ ސަބަބުން ލޮލަށް ލިބޭ ގެއްލުންތަކާއި، ގްލޮކޯމާ (ކަޅުކުރި އެރުން) އަދި އުމުރުން ދުވަސްވުމާ ގުޅިގެން ލޮލުގެ ފެނުމަށް ދިމާވާ މައްސަލަތައް ވަރަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ދެނެގަނެވޭނެއެވެ. އަދި ސިސްޓަމުން ދޫކުރާ ރިޕޯޓަށް ބަލައި، އިތުރު ފަރުވާއަށް ބޭނުންވާ ފަރާތްތަކަށް ލަސްނުކޮށް ފަރުވާ ހޯދުމުގެ ފުރުސަތު ކަށަވަރުވެގެންދާނެއެވެ.
ލޮލުގެ ދުޅަހެޔޮކަން ދަމަހައްޓައި ފެނުން ސަލާމަތްކުރުމުގައި، ބަލިތައް ކުރިއާލާ ދެނެގަތުމަކީ ނުހަނު މުހިންމު ކަމެކެވެ. ވަކިން ޚާއްސަކޮށް، އުމުރުން ދުވަސްވާ ވަރަކަށް އެއްވެސް އަލާމާތެއް ނުފެނި ޖެހޭ ލޮލުގެ ބަލިތައް ގިނަވުމާއެކު، ފެނުމަށް ދާއިމީ އަސަރެއް ކުރުމުގެ ކުރިން މިފަދަ ސްކްރީނިންތަކުގެ ޒަރީއާއިން ބަލި ދެނެގަނެވޭނެ ކަމަށް އައިކެއަރއިން ފާހަގަކުރެއެވެ.
އޭއައި ޓެކްނޮލޮޖީއާއެކު ތަޖުރިބާކާރު ޑޮކްޓަރުންގެ ލަފާ ލިބިގެންދާ މި ޚިދުމަތުގެ މައިގަނޑު މަގްސަދަކީ، ލޯ ސްކްރީން ކުރުމުގެ ފުރުސަތު ވީހާވެސް ފަސޭހައިން އާންމުންނަށް ފޯރުކޮށްދީ، ލޮލުގެ ފެނުން ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.
މި ޚިދުމަތް ވަރަށް އަވަހަށް މާލޭގެ އޯކިޑްމަގުގައި ހުންނަ އައިކެއަރ ހޮސްޕިޓަލުން ޢާންމުކޮށް ލިބެން ފަށާނެއެވެ. މީގެއިތުރުން، ހެލްތް އެކްސްޕޯއަށް ޒިޔާރަތްކުރި ގިނަ އަދަދެއްގެ އާންމުންނަށް ވަނީ އައިކެއަރގެ ސްޓޯލުން މި ޚިދުމަތް ހިލޭ ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ދީފައެވެ.

