ކައްކާ ގޭހުގެ ސަޕްލައިއަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލްކޮށްގެން ގޭސް ދޫކުރުމަށްފަހު، މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް އެއްވެސް ދަތިކަމެއް ނެތި ކައްކާ ގޭސް ލިބޭނެ ކަމަށް މޯލްޑިވް ގޭހުން ހާމަކޮށްފިއެވެ.

ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދިމާވި ސަޕްލައިގެ ދަތިތަކަކާ ގުޅިގެން، މޯލްޑިވް ގޭހުން ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރު ކޮންޓްރޯލްކުރަން ފެށީ މި ހިނގާ މަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ. އެ މުއްދަތުގެ ތެރޭގައި އެ ކުންފުނިން ނިންމާފައިވަނީ 10 ކިލޯގެ ފުޅިއަކަށް 7 ކިލޯ، 22 ކިލޯގެ ފުޅިއަކަށް 14 ކިލޯ އަދި 45 ކިލޯގެ ބޮޑެތި ފުޅިތަކަށް 31 ކިލޯގެ ގޭސް އެޅުމަށެވެ. މިއީ ލިބެން ހުރި ސްޓޮކް ހުސްނުވެ، އާންމު ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އެޅި ވަގުތީ ފިޔަވަޅެކެވެ.

މޯލްޑިވް ގޭހުން މިއަދު ބުނީ، ސަޕްލައިއަށް ކުރިމަތިވި މައްސަލަތައް މިހާރު ވަގުތީ ގޮތުން ހައްލުކުރެވިފައިވާ ކަމަށެވެ. އަދި އާންމު ހާލަތަކަށް އެޅިފައިވާތީ، މާދަމާއިން ފެށިގެން ކައްކާ ގޭސް އަޅައިދޭ މިންވަރަށް ގެނައި ބަދަލު އިއާދަކޮށް، ފުޅިތަކަށް ފުރިހަމައަށް ގޭސް އަޅައިދޭނެ ކަމަށް ވެސް އެ ކުންފުނިން ޔަގީންކަން ދެއެވެ.

މީގެއިތުރުން، ކުރިމަގުގައި މިފަދަ ދަތިތަކުން އަރައިގަތުމަށްޓަކައި މޯލްޑިވް ގޭހުން ދަނީ ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު (ސްޓޯރޭޖް ކެޕޭސިޓީ) އިތުރުކުރުމުގެ މުހިންމު މަޝްރޫއެއް ކުރިއަށް ގެންދަމުންނެވެ. އެ މަޝްރޫއު ނިމުމުން، ރާއްޖެއަށް ބޭނުންވާ ތިން މަސް ދުވަހުގެ ގޭސް އެއްފަހަރާ ރައްކާކުރެވި، މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މޯލްޑިވް ގޭހުން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *