ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ބޮޑު ލޯނެއް ނުދެއްކުމުގެ ސަބަބުން، ހެވީލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ދިން ހުއްދައާ އެކު، އޭގެ ތެރެއިން ލ. ކުޑަފަރެސް ވިއްކާލަން އެ ބޭންކުން މިއަދު އިއުލާނުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި އޭނާގެ ތިން ދަރިންގެ ހިއްސާ އޮންނަ ހެވީލޯޑް ކުންފުންޏަށް ބީއެމްއެލްއިން 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނެއް ދޫކުރީ، އެ ފަރާތްތަކުގެ މިލްކިއްޔާތުގައިވާ ތިން ރަށެއް ރަހުނު ކުރުމަށް ފަހުގަ އެވެ. އެ ލޯނު ނުދެއްކުމާ ގުޅިގެން މީގެ ކުރިން ވެސް އެ ރަށްތައް ވިއްކާލަން ސިވިލް ކޯޓުން ހުއްދަ ދިން ނަމަވެސް، ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފަ އެވެ.
ނަމަވެސް، ރަށްތައް ވިއްކާލުމަށާއި ބީއެމްއެލްއިން އެދުނު އަގުތަކަށް ހެވީލޯޑުން އެއްބަސްވުމާ ގުޅިގެން، ސިވިލް ކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ އެ ތިން ރަށް ވިއްކާލުމުގެ ހުއްދަ އަލުން ބޭންކަށް ދީފަ އެވެ.
ބީއެމްއެލްއިން މިއަދު ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުޑަފަރެސް ވިއްކާލުމަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަކީ 45.6 މިލިއަން ޑޮލަރެވެ. އެ ރަށް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
ކޯޓު އަމުރުގައިވާ ގޮތުން، ތިން މަސްދުވަހުގެ ތެރޭގައި އެ ރަށް ވިއްކާލަން ޖެހޭއިރު، ފުރަތަމަ މަހު ވިއްކަން ފަށާނެ އަގަކީ 46 މިލިއަން ޑޮލަރެވެ. ފުރަތަމަ މަހުގައި ނުވިކިއްޖެ ނަމަ، ދެވަނަ މަހުގެ ފެށޭ އަގަކީ 40 މިލިއަން ޑޮލަރެވެ. އަދި ތިންވަނަ މަހަށް ދާއިރު އެ އަގު 38 މިލިއަން ޑޮލަރަށް ކުޑަކުރެވޭނެ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
ކުޑަފަރެހަކީ ރަށުގެ މެދުގައި ލޮނުފެނުގެ ސާފު ޗާލު ކުޅިއެއް އޮންނަ، ގުދުރަތީ ގޮތުން ޚާއްސަ ސިފަތަކެއް އެކުލެވިގެންވާ ރަށެކެވެ. އެ ރަށުގައި ތަރައްގީކޮށްފައިވާ ޓޫރިސްޓް ވަސީލަތްތަކުގެ ތެރޭގައި ލޭކް-ވިއު ވިލާތަކާއި، ބީޗް-ވިއު ވިލާތަކުގެ އިތުރުން ރެސްޓޯރެންޓަކާއި ދެ ބާ ހިމެނެ އެވެ.
ކޯޓުން ވިއްކާލަން ހުއްދަ ދީފައިވަނީ ކުޑަފަރެސްގެ އިތުރުން، އެ އަތޮޅު ފަރެސް އަދި ބޮޑުހުރާއެވެ. މީގެ ތެރެއިން ކުޑަފަރެސް އާއި ފަރެސްއަކީ "ރަހާ ރިސޯޓް" ހިންގަމުން އަންނަ ދެ ރަށެވެ. އަދި ބޮޑުހުރާ ދޫކޮށްފައިވަނީ ދަނޑުވެރިކަމުގެ މަސައްކަތަށެވެ. މި ރަށްރަށުގެ ހެޑް ލީޒް ހަމަވާނީ 2064 ވަނަ އަހަރު އެވެ.

