މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ އިގްތިސާދަށް 4.0 ޕަސެންޓުގެ ކުރިއެރުމެއް އައިސްފައިވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންބީއެސްއިން އާންމުކޮށްފައިވާ 'މަންތްލީ އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތު (އެމްއައިއީޖީ)' ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ އަގު ހުރީ 8،512 މިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 330 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. ނަމަވެސް، މި އަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހުގެ އިގްތިސާދީ އުފެއްދުންތެރިކަން ވަނީ 11.6 ޕަސެންޓު (1،120 މިލިއަން ރުފިޔާ) ދަށަށް ގޮސްފައެވެ.

އަހަރުން އަހަރަށް ބަލާއިރު އިގްތިސާދަށް ލިބުނު މި ކުރިއެރުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައި ވަނީ ރިއަލް އެސްޓޭޓް ދާއިރާއިންނެވެ. އެ ދާއިރާއިން އިގްތިސާދީ ކުރިއެރުމަށް 0.9 ޕަސެންޓުގެ ހިއްސާއެއް ފޯރުކޮށްދީފައިވެއެވެ. މީގެއިތުރުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި އިމާރާތްކުރުމުގެ ދާއިރާއިން ކުރެ ކޮންމެ ދާއިރާއަކުން ވަނީ 0.8 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިދީފައެވެ.

މިއާ ޚިލާފަށް، ސެޕްޓެމްބަރު މަހު އިގްތިސާދަށް އެންމެ ބޮޑު ނޭދެވޭ އަސަރެއް ކޮށްފައި ވަނީ މަސްވެރިކަމުގެ ދާއިރާއިންނެވެ. އެގޮތުން އެ ދާއިރާގެ ހިއްސާ ވަނީ 1.5 ޕަސެންޓު ދަށަށް ގޮސްފައެވެ. އަދި ފަތުރުވެރިކަމާއި ކާބޯތަކެތީގެ ޚިދުމަތްދޭ (އެކޮމޮޑޭޝަން އެންޑް ފުޑް ސާވިސަސް) ދާއިރާއިން ވެސް ވަނީ 0.1 ޕަސެންޓުގެ ދަށްވުމެއް ރެކޯޑުކުރެވިފައެވެ.

ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ޖުމްލަ ހިއްސާއަށް ބަލާއިރު، ސެޕްޓެމްބަރު މަހު ވެސް އެންމެ ބޮޑު پަސެންޓެއް ހިއްސާކޮށްފައިވަނީ އެކޮމޮޑޭޝަން އެންޑް ފުޑް ސާވިސަސް ދާއިރާއިންނެވެ. އެއީ ޖުމްލަ އުފެއްދުންތެރިކަމުގެ 18.5 ޕަސެންޓެވެ. ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް އޮތީ 12.0 ޕަސެންޓާއެކު ދަތުރުފަތުރާއި މުވާސަލާތީ ދާއިރާއިންނެވެ. އަދި ރިއަލް އެސްޓޭޓް ދާއިރާގެ ހިއްސާއަކީ 9.7 ޕަސެންޓެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ގައުމީ އުފެއްދުންތެރިކަމުގައި އެންމެ ކުޑަ ހިއްސާއެއް އޮތީ ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ޕްރޮފެޝަނަލް، ސައިންޓިފިކް އަދި ޓެކްނިކަލް ދާއިރާއިންނެވެ. އެއީ ކޮންމެ ދާއިރާއަކުން 1.0 ޕަސެންޓެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *