ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ބަރަކާތްތެރި ރޯދަމަހާ ގުޅުވައިގެން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ޖެނެރަލް ޓްރޭޑިންގ އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޚާއްސަ ޕްރޮމޯޝަން "އެސްޓީއޯ ރަމަޒާން ބާޒާރު 2026-2027″ ރަސްމީކޮށް ފަށައިފިއެވެ.
މި ޕްރޮމޯޝަން އިފްތިތާޙުކޮށްފައިވަނީ 16 ނޮވެމްބަރު 2026 ވީ ހޯމަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސަސްގެ ސްޓޭޓް މިނިސްޓަރ ހުސައިން ޝާމް އާދަމްއެވެ. މި އަހަރުގެ ރަމަޒާން ބާޒާރު ކުރިއަށްދާނީ 10 މާރިޗު 2027 ގެ ނިޔަލަށެވެ.
ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ކަސްޓަމަރުންނަށް ގިނަގުނަ ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ފެށި މި ޕްރޮމޯޝަންގެ ދަށުން، އެސްޓީއޯއިން ކަނޑައަޅާފައިވާ ޚާއްސަ ގިނަ އުފެއްދުންތަކަކުން 50 އިންސައްތައާ ހަމައަށް ބޮޑު ޑިސްކައުންޓެއް ލިބިގެންދާނެއެވެ. މީގެއިތުރުން، ކޮންމެ ދެ ހަފްތާއަކުން އެއްފަހަރު، 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުލުމެއް ބާއްވައި، ހޮވޭ ދެ ފަރާތަކަށް 2،500 ރުފިޔާގެ ގިފްޓް ވައުޗަރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި 5،000 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް، ޚާއްސަ ހަދިޔާ ގުޅިއަކުން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.
މި އަހަރުގެ ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 100،000 (އެއްލައްކަ) ރުފިޔާގެ ފައިސާގެ އިނާމެކެވެ. މި އަގުހުރި ބޮޑު އިނާމު ލިބިގެންދާނީ ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށްގެން ލަކީޑްރޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން، ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށެވެ.
ރަމަޒާން ބާޒާރު ފެށުމުގެ އިތުރުން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާގައި ގާއިމުކުރި ބައިނަލްއަޤްވާމީ މަޝްހޫރު ފްރެންޗައިޒް ކެފޭ ކަމަށްވާ "ދަ ކޮފީ ބީން އެންޑް ޓީ ލީފް" ގެ އައުޓްލެޓްވެސް މި ހަފްލާގައި ވަނީ ރަސްމީކޮށް ހުޅުވާފައެވެ. މިއީ މާލޭގައި ހުޅުވުނު މި ބްރޭންޑުގެ ފުރަތަމަ އައުޓްލެޓެވެ. މި ފްރެންޗައިޒްގެ ރާއްޖޭގެ އެންމެ ފުރަތަމަ އައުޓްލެޓް ހިންގަމުން އަންނަނީ ހުޅުމާލޭގައެވެ. ހަމައެއާއެކު، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ފަސޭހަކަމާއެކު ޚިދުމަތް ހޯދޭނެ މާހައުލެއް ޤާއިމުކުރުމުގެ ގޮތުން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ޖާގަ ކުރިއަށްވުރެ ބޮޑުކޮށް، ޚިދުމަތްތައް ފުޅާކޮށްފައިވާކަންވެސް އެ ކުންފުނިން ހާމަކުރެއެވެ.
އެސްޓީއޯ ރަމަޒާން ބާޒާރަކީ ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް އާންމުންގެ ގޭބިސީތަކަށް ބޭނުންވާ ހިފާގެންގުޅޭ ސާމާނާއި އެހެނިހެން މުދާ އެންމެ ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ، އަދި ރައްޔިތުންގެ ފަރާތުން އަބަދުވެސް ބޮޑު ތަރުހީބަކާއި މަޤްބޫލުކަމެއް ލިބެމުން އަންނަ ކާމިޔާބު ޕްރޮމޯޝަނެކެވެ.

