ބޮލީވުޑްގެ ރަންޒަމާނުގެ މަޝްހޫރު އަދި ލެޖެންޑަރީ ލަވަކިޔުންތެރިޔާ ކުމާރު ސާނޫގެ ލައިވް ކޮންސަޓެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
'ކުމާރު ސާނޫސް ޖުނޫން ލައިވް އިން ކޮންސަޓް މޯލްޑިވްސް' ގެ ނަމުގައި ބާއްވާ މި ތާރީޚީ މިއުޒިކީ ޝޯ އޮންނާނީ 4 ޑިސެމްބަރު 2026 ވާ ހުކުރު ދުވަހުގެ ރޭ 8:00 ގައި، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މިއީ ބޮލީވުޑްގެ 90 ގެ އަހަރުތަކުގެ ހަނދާންތަކާއި، އަސަރުގަދަ އަދި ޒަމާންވީ ރީތި ލަވަތަކުން ބެލުންތެރިން ފޫހިފިލުވައިދޭނެ ފުރިހަމަ ހަވީރަކަށް ވެގެންދާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.
1990 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު 'އާޝިޤީ' ގެ ލަވަތަކުން ބޮޑު މަޤްބޫލުކަމެއް ހޯދި ކުމާރު ސާނޫ ވަނީ އެތައް ހާސް ލަވައެއް ރެކޯޑުކޮށް، ފިލްމްފެއާ އެވޯޑްގައި ވިދިވިދިގެން ފަސް އަހަރު (1991 ން 1995 އަށް) އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ މަގާމު ހޯދައި ތާރީޚުގެ ތެރެއިން ޖާގަ ހޯދާފައެވެ. މީގެއިތުރުން، އެއް ދުވަހެއްގެ ތެރޭގައި 28 ލަވަ ރެކޯޑުކޮށްގެން 1993 ގައި ގިނީސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދުމުގެ އިތުރުން، އިންޑިއާ ސަރުކާރުން ދޭ ޝަރަފުވެރި ޕަދްމަ ޝްރީ އެވޯޑް 2009 ވަނަ އަހަރު އޭނާއަށް ވަނީ އަރުވާފައެވެ.
މި ކޮންސަޓާ ގުޅޭގޮތުން 'ބްރޭންޑް ޖުނޫން' ގެ ފައުންޑާ އަދި ޑިރެކްޓަރު، އަދި ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ މޯލްޑިވްސްގެ ސްޓޭޓް ޕްރެޒިޑެންޓް ސައްޔިދު އަދުނާން ހުސައިން ވިދާޅުވީ، މިއީ ހަމައެކަނި ޝޯއެއް ނޫން ކަމަށާއި މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ސަގާފީ އަދި މިއުޒިކީ ގުޅުން ބަދަހިކޮށްދޭނެ ތާރީޚީ އިވެންޓެއް ކަމަށެވެ. އަދި އެލެފް އެންޓަޓެއިންމަންޓުން މިފަދަ ބޮޑު ހަރަކާތެއް ރާއްޖޭގައި ބޭއްވުމުގެ ބޭނުމަކީ 90 ގެ އަހަރުތަކުގެ ޖާދޫ ދިވެހިންގެ ގޭދޮރުމައްޗަށް ގެނެސްދިނުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ކުމާރު ސާނޫގެ ލަވަތަކުގެ ޚާއްޞަކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސައްޔިދު ވިދާޅުވީ، އޭނާގެ ލަވަތަކަކީ އިންސާނާގެ ޖަޒުބާތުތަކާ ސީދާ ގުޅިފައިވާ، ލޯތްބާއި ހިތާމަ ވަރަށް ފުރިހަމައަށް އިހުސާސްކޮށްދޭ ލަވަތަކެއް ކަމަށެވެ. އަދި "ތުޖޭ ދޭކާ ތޯ" އަދި "އޭކް ލަޅްކީ ކޯ ދޭކާ" ފަދަ ލަވަތަކަކީ ކޮންމެ ޖީލެއްގެ މީހުންނަށް ވެސް ހިތްގައިމު އަދި އަބަދުވެސް ތާޒާކަންމަތީ ދެމިއޮންނަ ލަވަތަކެއް ކަމަށް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި އިންޑިއާގެ ސިނަމާއަށާއި މިއުޒިކަށް ބޮޑު މަޤްބޫލުކަމެއް ލިބިފައިވާކަން ފާހަގަކުރައްވަމުން ސައްޔިދު އިތުރަށް ވިދާޅުވީ، މިފަދަ އިވެންޓުތަކުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާއީ އަދި ސަގާފީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. އެގޮތުން، އެތައް ހާސް ބަޔަކު އެއްތަނަކަށް އެއްވެ، އެއް ލަވަތަކެއް ކިޔައި އުފާފާޅުކުރުމަކީ ދެ ޤައުމުގެ ރައްޔިތުން އެކަތިގަނޑަކަށް ހަދައިދޭނެ އަގުހުރި ތަޖުރިބާއެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

