މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ" (ވަރަ އެކްސްޕޯ 2026) ގެ ގޯލްޑް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ބައިވެރިވެއްޖެއެވެ.
މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެންބަރު މަހުގެ 26 އިން 28 ގެ ނިޔަލަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ދިވެހި ޒުވާނުންނަށް ވަޒީފާގެ އެކި ދާއިރާތަކާ ގުޅޭ މައުލޫމާތު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދީ، ވަޒީފާދޭ ފަރާތްތަކާ ސީދާ ބައްދަލުކުރުމުގެ އަގުހުރި ފުރުސަތުތަކެއް ފަހިކޮށްދިނުމެވެ. އެގޮތުން، ކެރިއަރ ކައުންސެލިންގ ސެޝަންތަކާއި، ހުނަރު އިތުރުކުރުމުގެ މަސައްކަތު ބައްދަލުވުންތަކުގެ އިތުރުން، އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާ ގުޅުން ބަދަހިކުރުމުގެ މުހިންމު ފުރުސަތުތައް މި އެކްސްޕޯގެ ތެރެއިން ޒުވާނުންނަށް ލިބިގެންދާނެއެވެ.
މި އެކްސްޕޯގެ ތެރެއިން ބީއެމްއެލްގެ ސްޓޯލުން އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، ދަރިވަރުންނާއި ޒުވާނުންނަށް ޚާއްސަ އިންޓާންޝިޕް ޕްރޮގްރާމްތަކުގެ އިތުރުން، މުވައްޒަފުންގެ ކުރިއެރުމަށް ބޭންކުން ހިންގާ އެކި ތަމްރީނުތަކާ ބެހޭ ފުރިހަމަ މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގައުމީ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް މި ހަރަކާތުގައި ބައިވެރިވުމަކީ، ދިވެހި ޒުވާނުން ބާރުވެރިކުރުވައި، އެ ފަރާތްތަކަށް ވަޒީފާގެ އައު މައިދާންތައް ތަނަވަސްކޮށްދިނުމަށް އެ ބޭންކުން ދޭ ޚާއްސަ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.

