ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށްޓަކައި، "މީޑިއާ ގްރާންޓު"ގެ ދަށުން ފައިސާ ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އައު އުސޫލު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލައި މިއަދު އާންމުކޮށްފިއެވެ.
މީގެ ކުރިން ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އެކުލަވާލި އުސޫލު ބާތިލުކޮށް، ފައިސާ ދޫކުރާނެ މީޑިއާތައް ކަނޑައެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނާ ހަވާލުކުރީ، ކުރީގެ އުސޫލާ ގުޅިގެން ނޫސްވެރިންނާއި މީޑިއާތަކުގެ މެދުގައި އުފެދުނު ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށް ފަހުގައެވެ.
އަލަށް އާންމުކުރި އުސޫލުގައިވާ ގޮތުން، މާލީ އެހީއަށް އެދެވޭނީ ރަޖިސްޓްރީ ކޮށްގެން ހިންގާތާ މަދުވެގެން އެއް އަހަރު ވެފައިވާ މީޑިއާތަކަށެވެ. އަދި ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮންނަންވާނެއެވެ. މީގެ އިތުރުން، އަންނަ އަހަރުން ފެށިގެން މީޑިއާ ގްރާންޓަށް އެދޭއިރު، މުވައްޒަފުންނަށް މުސާރަ ޖަމާކުރާކަން އަންގައިދޭ ބޭންކު ސިޓީއެއް ހުށަހަޅަން ޖެހޭނެއެވެ. އަދި މީގެ ކުރިން އެހީ ލިބިފައިވާ މީޑިއާއެއް ނަމަ، އެ ފައިސާ ޚަރަދުކުރި ގޮތުގެ ތަފްސީލީ މާލީ ބަޔާނެއް ވެސް ހުށަހަޅަން ލާޒިމުވެއެވެ.
އެއް ފަރާތަކުން ނުވަތަ މައި ކުންފުންޏަކާއި އޭގެ ސަބްސިޑިއަރީ ކުންފުނިތަކުން އެއް މީޑިއާއަށް ވުރެ ގިނަ މީޑިއާ ހިންގި ނަމަވެސް، މާލީ އެހީއަށް ހުށަހެޅޭނީ އެ ފަރާތަކުން އިޚްތިޔާރުކުރާ އެންމެ މީޑިއާއަކަށެވެ. އަދި ހުށަހަޅާ އެޕްލިކޭޝަނުގައި ގިނަވެގެން ބަޔާންކުރެވޭނީ އެ މީޑިއާއެއް ބޭނުންކުރާ ދެ މަންސަ (މީޑިއަމް) އެވެ.
މި އުސޫލުގެ ދަށުން މީޑިއާތަކަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކަކީ:
- މީޑިއާ ހިންގި މުއްދަތު
- މުވައްޒަފުންގެ އަދަދު
- މުވައްޒަފުންގެ ތަޢުލީމާއި، ތަޖުރިބާ އަދި އިދާރީ އިންތިޒާމުތައް
- ބިޒްނަސް ޕްލޭން
- ކޮންޓެންޓާއި އޭގެ ބާވަތް
މާލީ އެހީ ލިބޭނީ ޖުމްލަ 50 އިންސައްތައަށް ވުރެ މަތިން މާކްސް ލިބޭ މީޑިއާތަކަށެވެ. ނަމަވެސް، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ ކޮމިޝަނުން އެ މީޑިއާއަކާ މެދު ފިޔަވަޅެއް އަޅައި، އެކަން އާންމުކޮށްފައިވާ ނަމަ، ކޮންމެ ފިޔަވަޅަކަށް 3 މާކްސް އުނިކުރެވޭނެއެވެ.
މީޑިއާތަކުން އެހީއަށް އެދި ހުށަހަޅަން ޖެހޭނީ މީޑިއާ ކޮމިޝަނުގެ ޚާއްޞަ ޕޯޓަލް މެދުވެރިކޮށެވެ. އަދި މާކްސް ލިބުނު ގޮތްވެސް މި ޕޯޓަލުން ފެންނަން ހުންނާނެއިރު، މާކްސް ދިން ގޮތާމެދު ޝަކުވާއެއް އޮތް ނަމަ މުރާޖާ ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
އުސޫލުގައިވާ ފޯމިއުލާއާ އެއްގޮތަށް ފައިސާ ލިބޭނެ މީޑިއާތަކުގެ ލިސްޓު ކޮމިޝަނުން ދާޚިލީ ވުޒާރާއަށް ފޮނުވުމުން، އެ ވުޒާރާ މެދުވެރިކޮށް މާލީ ވުޒާރާއިން ފައިސާ ދޫކުރާނީ އެ މީޑިއާއެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓަށެވެ.
ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 އިންސައްތަ މީޑިއާތަކަށް މާލީ އެހީގެ ގޮތުގައި ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި އެހީގެ މައިގަނޑު މަޤުޞަދަކީ އަމިއްލަ މީޑިއާތަކަކީ އެއްވެސް ނުފޫޒަކަށް ބަރޯސާނުވެ، މާލީ ގޮތުން ފުދުންތެރި، މިނިވަން ބައެއްގެ ގޮތުގައި ހިންގުމަށް ބާރުއެޅުމެވެ. އަދި އުފެއްދުންތެރި ޚަބަރާއި މައުލޫމާތު ފަތުރައި، ޒިންމާދާރުކަމާއި އިތުބާރާއެކު ނޫސްވެރިކަމުގެ ދާއިރާގައި ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމެވެ.

