ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވެދާނެ ކުއްލި ކޮންމެ ހާލަތަކަށް ދުރާލައި ތައްޔާރުވުމުގެ ގޮތުން ޚާއްސަ ޕްލޭންތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ހަކަތައިގެ ދާއިރާއިން ފާއިތުވެދިޔަ 3 އަހަރު ދުވަހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާފައިވާ ކަމަށެވެ. އަދި މުޅި މި ސަރަޙައްދަށް ބަލާއިރުވެސް އެންމެ ފުރިހަމައަށް ކަރަންޓުގެ ޚިދުމަތް ލިބޭ ޤައުމަކީ ދިވެހިރާއްޖެކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޑރ. މުޢާވިޔަތު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ހަކަތައިގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މައިގަނޑު ގޮތެއްގައި ބަރޯސާވަނީ އިމްޕޯޓްކުރާ ތެލަށް ކަމަށްވާތީ، ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއެކު ދިމާވެދާނެ ހާލަތްތަކަށް ތައްޔާރުވެ ތިބުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އެގޮތުން، މި އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން ރާއްޖޭގެ ޖީޑީޕީގެ 10 އިންސައްތައާއި 12 އިންސައްތައާ ދެމެދުގެ މިންވަރެއްގައި ހަކަތައިގެ ސެކްޓަރު ހިއްސާކުރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، މިހާރު އަންދާޒާކުރެވެނީ އެ އަދަދު އެއަށްވުރެ މައްޗަށް ދާނެ ކަމަށެވެ.

ދުނިޔޭގެ ކޮންމެ ތަނަކަށް އަންނަ ކޮންމެ ލޮޅުމަކަށް މި އިންޑަސްޓްރީއަށް އަސަރުކުރާނެ. މި ވަގުތަށް ކުރެވިދާނެ ކަންކަމަށް ވެސް ތައްޔާރުވަމުންދަނީ. އަދި ދުރުރާސްތާ ޕްލޭންތަކެއް ވެސް އެކުލަވާލަމުން އަޅުގަނޑުމެން މިދަނީ،

ސްޓޭޓް މިނިސްޓަރ

މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ އެސިސްޓެންޓް އިންޖިނިއަރ ޢަބްދުއްރަޝީދު ވިދާޅުވީ، ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެ ޖިއޮގްރަފީ ގޮތުން އުފެދިފައިވާ ގޮތް ކަމަށެވެ. އެގޮތުން، ވަކިވަކި ރަށްތަކަކަށް ރާއްޖެ ބެހިފައި އޮތުމުން ކޮންމެ ރަށެއްގައި ވަކި އިންޖީނުގެއެއް ޤާއިމުކުރަން ޖެހުމާއި، ކުއްލި އެމެޖެންސީ ހާލަތްތަކުގައި އެއް ރަށުން އަނެއް ރަށަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ ކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އިންޖީނުގެތައް ހިންގުމަށް ތެލަށް ބަރޯސާވާ މިންވަރު ބޮޑުވުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ އުސްމިންތަކުގެ ސަބަބުން ވެސް ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާކަމަށް ޢަބްދުއްރަޝީދު ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، ރާއްޖޭގެ ރަށްތައް އޮންނަ ގޮތުން ކަރަންޓު ބޭނުންވާ މިންވަރު އަބަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން، މި ދާއިރާއަށް ދެމެހެއްޓެނިވި އަދި އެކަށީގެންވާ އިންވެސްޓްމެންޓްތަކެއް ކުރުމަށާއި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކަށް ޚިދުމަތް ބަދަލުކުރުމަށް ސަރުކާރުން ޚާއްސަ ވިސްނުންތަކެއް ގެންގުޅުއްވާ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *