ދިވެހިރާއްޖޭގެ ބާޒާރުގައި ޢާންމު ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، ޚާއްޞަކޮށް ކެރެޓާއި ފިޔާ އަދި ބިހުގެ އަގު ވަރަށް ބޮޑަށް މައްޗަށް ހިނގައްޖެއެވެ.
މާލޭގެ ލޯކަލް މާރުކޭޓުން މަޢުލޫމާތު ދިން ވިޔަފާރިވެރިއަކު ބުނި ގޮތުގައި، ކުރިން 25 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގެ އަގަކަށް ލިބެން ހުރި ކެރެޓު ކިލޯއެއްގެ އަގު މިހާރު ވަނީ 160 ރުފިޔާއާއި 170 ރުފިޔާއާ ދެމެދަށް އުފުލިފައެވެ. އަދި ކުރިން 180 ރުފިޔާއާއި 200 ރުފިޔާއާ ދެމެދުގެ އަގަކަށް ލިބުނު ކެރެޓު ކޭހެއްގެ އަގު މިހާރު ވަނީ 1،500 ރުފިޔާއަށް އަރައިފައެވެ.
ކެރެޓުގެ އިތުރުން ޢާންމުކޮށް ގޭބިސީތަކުގައި ބޭނުންކުރާ އެހެނިހެން ބާވަތްތަކުގެ އަގުވެސް ވަނީ ދެގުނައާ ގާތަށް ބޮޑުވެފައެވެ. އެގޮތުން، މީގެ ކުރިން 400 ރުފިޔާއަށް ވުރެ ދަށުން ލިބެން ހުރި ބިސް ކޭހެއްގެ އަގު މިހާރު ވަނީ 530 ރުފިޔާއަށް އުފުލިފައެވެ. އަދި ކުރިން 230 ރުފިޔާއާއި 250 ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކި ފިޔާ ބަސްތާއެއް މިހާރު ބާޒާރުގައި ލިބެން ހުރީ 480 ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާއިރު، މި ނިމުނު އޮކްޓޫބަރު މަހު ވެރިރަށް މާލޭގައި އަސާސީ ތަކެތީގެ އަގު ވަނީ ނުވަ ޕަސެންޓް އުފުލިފައެވެ. އަދި މަހުން މަހަށް ބަލާއިރު ވެސް ތަކެތީގެ އަގު ވަނީ 1.01 ޕަސެންޓް މައްޗަށް ގޮސްފައެވެ.
ރާއްޖެއަކީ ކާބޯތަކެތީގެ ބާވަތްތައް ބޭރުން އެތެރެކުރުމަށް (އިމްޕޯޓަށް) ބޮޑަށް ބަރޯސާވެފައިވާ ޤައުމަކަށް ވުމުން، ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ސީދާ ގޮތެއްގައި ކުރެއެވެ. އެގޮތުން ފެބުރުވަރީ 28 ގައި މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންއަށް ބުރޫއަރައި، ތެލާއި އެހެނިހެން މުދަލުގެ އަގު ވަނީ ބޮޑުތަނުން އުފުލިފައެވެ.
މީގެ އިތުރުން، މި އަހަރަކީ ރާއްޖެއިން 1.1 ބިލިއަން ޑޮލަރުގެ ބޮޑު ދަރަންޏެއް އަދާކުރަންޖެހޭ އަހަރަކަށް ވާތީ، މާލީ ދަތިތަކާ ގުޅިގެން ތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ކުރިންވެސް ވަނީ ލަފާކޮށްފައެވެ. އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ އެންމެ ފަހުގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ވެސް ރާއްޖޭގެ އިންފްލޭޝަން ރޭޓް ނުވަތަ ތަކެތީގެ އަގުތައް އިތުރަށް މައްޗަށް ދިއުމުގެ ފުރުޞަތު ބޮޑެވެ.

