މާލޭގެ ލޯކަލް މާރުކޭޓުގައި ތަރުކާރީގެ ބާވަތްތަކުގެ އަގު ކުއްލިއަކަށް އިންތިހާއަށް އުފުލެމުންދާ މި ދަނޑިވަޅުގައި، އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ކާބޯތަކެތި ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މުހިންމު ދައުރެއް އަދާކުރެއެެވެ.

މާލޭގެ މާރުކޭޓުތަކުގެ އަގުތަކަށް ބަލާއިރު، ކުރިން 25 އާއި 35 ރުފިޔާއާ ދެމެދުގެ އަގަކަށް ވިއްކި ކެރެޓު ކިލޯއެއްގެ އަގު މިހާރު ވަނީ 160 އާއި 170 ރުފިޔާއާ ދެމެދުގެ އަދަދަކަށް އުފުލިފައެވެ. މި ބޮޑު ބަދަލާއެކު އާންމު ގޭބިސީތަކުގެ ކެއިންބުއިމުގެ ޚަރަދުތަކަށް ބޮޑު ބުރައެއް އުފުލަންޖެހި، ގިނަ ބައެއްގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.

މާކެޓުގައި އަގުތައް މިގޮތަށް އުފުލުނު ނަމަވެސް، އެސްޓީއޯގެ ޒަރޫރީ މުދަލުގެ ޕްރޮގްރާމުގެ ދަށުން ކޮންޓްރޯލް ކުރެވިފައިވާ އަގުތަކުގައި ތަކެތި ލިބެން ހުރުމަކީ ކަސްޓަމަރުންނަށް ލިބޭ ބޮޑު ލުޔެކެވެ. އެސްޓީއޯގެ އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ކެރެޓުގެ އިތުރުން އާންމުކޮށް ބޭނުންކުރާ އެހެނިހެން ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ.

މިގޮތުން މިވަގުތު އެސްޓީއޯ އިން ކެރެޓް ކިލޯއެއް ވިއްކަމުންދަނީ އެންމެ 40 ރުފިޔާއަށެވެ. މިއީ މާރުކޭޓުގެ އަގުތަކާ އަޅާބަލާއިރު ކިލޯއަކުން ގާތްގަނޑަކަށް 130 ރުފިޔާގެ ބޮޑު އަގުހެޔޮވުމެކެވެ. މީގެއިތުރުން، އާންމުކޮށް ކެއްކުމަށް ބޭނުންކުރާ އެހެނިހެން އަސާސީ ބާވަތްތަކުގެ އަގުތައް ވެސް އެސްޓީއޯ އިން ވަނީ ވަރަށް ބޮޑަށް ހިފަހައްޓާފައެވެ. އެގޮތުން އެސްޓީއޯ އިން މިވަގުތު ލޮނުމެދު ކިލޯއެއް 50 ރުފިޔާއަށް ލިބެން ހުރިއިރު، ފިޔާ ކިލޯއެއް 15 ރުފިޔާއަށް އަދި އަލުވި ކިލޯއެއް ލިބެން ހުރީ އެންމެ 12 ރުފިޔާއަށެވެ.

ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދާ ހެޔޮ އަގުގައި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން، އަސާސީ މުދަލުގެ ގޮތުގައި ކުރިން ކަނޑައަޅާފައިވާ 26 ބާވަތުގެ ލިސްޓު، މި ސަރުކާރުން ވަނީ 80 ބާވަތަށް އިތުރުކޮށް ފުޅާކޮށްފައެވެ. އޭގެ ތެރޭގައި 20 ބާވަތެއްގެ ތަރުކާރީއާއި، 20 ބާވަތެއްގެ މޭވާއާއި، ގޭބިސީތަކުގައި ބޭނުންކުރާ 37 ބާވަތެއްގެ ކާބޯތަކެތީގެ އިތުރުން ކާބޯތަކެތި ނޫން އަސާސީ 3 ބާވަތެއް ހިމެނެއެވެ.

އަގުތައް ހަމަމަގުގައި ހިފެހެއްޓުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވެސް ވަނީ މާކެޓު މޮނިޓަރ ކުރުމުގެ މަސައްކަތް ވަރުގަދަކޮށްފައެވެ. އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވި ގޮތުގައި، މާކެޓުގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ މިނިސްޓްރީން ކޮންމެ ދުވަހަކުވެސް 164 އުފެއްދުމެއްގެ އަގު ގަވާއިދުން މޮނިޓަރ ކުރަމުން ގެންދެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *