ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުގެ ދަށުން، އދ. ދަނގެތީގައި ފިއުލް ސްކިޑް ޤާއިމުކޮށް ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ދަނގެތީގައި ޤާއިމުކުރި ފިއުލް ސްކިޑްގެ މަސައްކަތް އެއްކޮށް ނިންމައި ޚިދުމަތް ދޭން ފަށާފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިމެނޭ 18 ރަށެއްގައި ފިއުލް ސްކިޑް ޤާއިމުކުރުމުގެ މި މަޝްރޫޢަކީ މަސްވެރިންނަށާއި ޢާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ހެޔޮ އަގުގައި ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިފްތިތާޙުކުރި މުހިންމު މަޝްރޫޢެކެވެ. މާލެއެކޭ އެއް އަގެއްގައި އަތޮޅުތަކުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ އަތޮޅުތަކުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 18 ރަށެއްގައި ފިއުލް ސްޓޭޝަން ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ރަށްތަކަކީ:

  1. ހއ. އިހަވަންދޫ
  2. ހދ. ހަނިމާދޫ
  3. ށ. މިލަންދޫ
  4. ނ. މަނަދޫ
  5. ރ. ދުވާފަރު
  6. ބ. އޭދަފުށި
  7. އއ. މަތިވެރި
  8. އދ. ދަނގެތި
  9. ވ. ފެލިދޫ
  10. މ. މުލަކު
  11. ފ. ނިލަންދޫ
  12. ދ. މީދޫ
  13. ތ. ހިރިލަންދޫ
  14. ލ. ގަން
  15. ގއ. ދެއްވަދޫ
  16. ގދ. ފިޔޮރީ
  17. ގދ. ފަރެސްމާތޮޑާ
  18. ސ. ހުޅުމީދޫ

މި ރަށްތަކުގެ ތެރެއިން މިހާތަނަށް ރ. ދުވާފަރު، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ބ. އޭދަފުށި، ށ. މިލަންދޫ، ފ. ނިލަންދޫ، ދ. މީދޫ، ނ. މަނަދޫ އަދި އދ. ދަނގެތީގައި ވަނީ ފިއުލް ސްޓޭޝަންތައް ޤާއިމުކޮށް ނިމި، ރައްޔިތުންނަށް ޚިދުމަތް ދޭން ފަށާފައެވެ.

މިހާރު ރާއްޖޭގެ ގިނަ އަތޮޅުތަކުގައި އަމިއްލަ ފަރާތްތަކުން ތެޔޮ ވިއްކަމުންދަނީ އެސްޓީއޯގެ ޢާންމު ރޭޓަށްވުރެ ބޮޑު އަގުގައެވެ. މިއީ އަތޮޅުތަކުގެ ރައްޔިތުންނާއި، ޚާއްޞަކޮށް މަސްވެރިންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ. މި މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދިނުމުގެ ގޮތުން، ކަނޑައެޅިފައިވާ 18 ރަށުގެ އިތުރުންވެސް، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިއުލް ސްޓޭޝަންތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *