އުރީދޫ ފިންޓެކްގެ މަގުބޫލު ޑިޖިޓަލް ވޮލެޓް، "އެމް-ފައިސާ" އޮޑިގޯ އެޕްލިކޭޝަނާ ގުޅާލައި، ރަށްރަށަށް ކުރާ ދަތުރުތަކުގެ ބުކިންތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. މި ބަދަލާއެކު، އާންމު ދަތުރުފަތުރުގެ ހިދުމަތްތައް ހޯދާ ފަރާތްތަކަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.
އޮޑިގޯ އެޕްލިކޭޝަންގައި އެމް-ފައިސާ ހިމެނުމުން، ކަސްޓަމަރުންނަށް ފެރީ އަދި ސްޕީޑްބޯޓުތަކުގެ ޝެޑިއުލްތައް ބަލައިލުމަށްފަހު، އެ ދަތުރުތަކަށްވާ ފައިސާ ސީދާ އެމް-ފައިސާ ވޮލެޓުން ވަގުތުން ދެއްކޭނެއެވެ. އަދި ބުކިން ފުރިހަމަވުމާއެކު ކަސްޓަމަރަށް ޑިޖިޓަލް ބޯޑިން ޕާހެއް ލިބިގެންދާނެތީ، ދަތުރުގެ ފެށުމުން ފެށިގެން ނިމުމާ ހަމައަށް ފުރިހަމަ ޑިޖިޓަލް ތަޖުރިބާއެއް ކަށަވަރުވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މި ޚިދުމަތާ ގުޅޭގޮތުން އުރީދޫ ފިންޓެކްގެ މޯލްޑިވްސް ކަންޓްރީ ހެޑް އަހުމަދު ނުއުމާން ވިދާޅުވީ، އެމް-ފައިސާއާ މެދު އެ ކުންފުނިން ދެކޭ ތަސައްވުރަކީ ހަމައެކަނި ޑިޖިޓަލް ޕޭމަންޓްތަކަށް ވުރެ ފުޅާ ތަސައްވުރެއް ކަމަށެވެ.
އަޅުގަނޑުމެން ބޭނުންވަނީ ދިވެހިން ކޮންމެ ދުވަހަކު ބޭނުންކުރާ ޕްލެޓްފޯމްތަކުގެ ތެރެއަށް ފަސޭހައިން ލިބޭނެ މާލީ ހިދުމަތްތައް ގެނެސްދީ، އާންމު ދިރިއުޅުން އިތުރަށް ފަސޭހަކޮށްދޭން. އޮޑިގޯ މެދުވެރިކޮށް، ކަސްޓަމަރުންނަށް ޑިޖިޓަލްކޮށް ދަތުރުތައް ބުކްކޮށް ފައިސާ ދެއްކޭނެ ގޮތް ހަދައިދީ، އަޅުގަނޑުމެން މިދަނީ ރަށްރަށުގެ ދެމެދުގައި ކުރާ ދަތުރުތައް އިތުރަށް ލުއިފަސޭހަކޮށްދެމުން،
ނުއުމާން
މީގެ އިތުރުން ނުއުމާން ވިދާޅުވީ، މި ބައިވެރިވުމުން ދައްކުވައިދެނީ ދިވެހި އުފެއްދުންތެރި ޑިޖިޓަލް އީޖާދުތަކަށް އެއްބާރުލުން ދިނުމަށާއި، މުޅި ރާއްޖޭގައި އިތުރަށް ގުޅިފައިވާ ވަރުގަދަ ޑިޖިޓަލް ނިޒާމެއް ބިނާކުރުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތު ކަމަށެވެ.
ދިވެހި އުފެއްދުމެއް ކަމަށްވާ "އޮޑިގޯ" އަކީ ދަތުރުފަތުރާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ކަނޑުދަތުރުފަތުރާ ގުޅޭ ތަފާތު ހިދުމަތްތައް އެއް ޕްލެޓްފޯމަކުން ލިބޭގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ. ރާއްޖޭގެ ރައްޔިތުންނާއި ފަތުރުވެރިންނަށް ވެސް ފަސޭހައިން ހިދުމަތްތައް ބުކްކުރެވޭ މި އެޕްގައި ރަށްރަށުގެ ދަތުރުތަކުގެ އިތުރުން ޒިޕްލައިން މޯލްޑިވްސް ފަދަ ހަރަކާތްތަކާއި، އުޅަނދުފަހަރުގެ ވެރިންނާއި ފްރީލާންސް ކެޕްޓަނުން ގުޅުވައިދިނުމުގެ އިތުރުން މަސްވެރިކަމުގެ ސާމާނާއި ކަނޑުދަތުރުފަތުރުގެ އާލާތްތަކުގެ މާކެޓްޕްލޭސްއެއް ވެސް ހިމެނެއެވެ. އަދި ކަނޑުގެ ތަފްސީލީ ޗާޓެއް ކަމަށްވާ "އޮޑިމެޕް" އާއި ސަގާފީ މޫސުމީ މައުލޫމާތާއި މަސްވެރިކަމުގެ ލަފާކުރުންތައް ދައްކުވައިދޭ "ނަކަތް" ވެސް މި އެޕް މެދުވެރިކޮށް ބަލައިލެވެއެވެ.
ރާއްޖޭގެ އެންމެ މަގުބޫލު އެއް ޑިޖިޓަލް ވޮލެޓް ކަމަށްވާ އެމް-ފައިސާ މެދުވެރިކޮށް ފައިސާ ފޮނުވުމާއި، ޔުޓިލިޓީ ބިލްތަކާއި ވިޔަފާރިތަކަށް ފައިސާ ދެއްކުމުގެ އިތުރުން މޮބައިލް ރީޗާޖު ކުރެވެއެވެ. މީގެއިތުރުން، މި އަހަރުގެ ކުރީކޮޅު ޕޭޕަލްގެ ހިދުމަތް އެމް-ފައިސާއާ ގުޅާލުމާ ގުޅިގެން، ރާއްޖެއިން ބޭރުން ބައިނަލްއަގުވާމީ ފައިސާ ލިބިގަތުމުގެ ފުރުސަތުވެސް ވަނީ ފަހިވެގެން ގޮސްފައެވެ.
ޖޯގްރަފީ ގޮތުން ރަށްތައް ވަކިވަކިން އުފެދިފައިވާ ދިވެހިރާއްޖޭގައި ނަގުދު ފައިސާއާ ނުލައި މުއާމަލާތްކުރެވޭނެ އީޖާދީ ވަސީލަތްތައް ގާއިމުކުރުމަކީ މުހިންމު ކަމަކަށްވާއިރު، މި ހިދުމަތްތައް ހިމެނޭ އޮޑިގޯ އެޕް މިހާރު އެޕަލް އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.

