ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓު ޑިވެލޮޕްމެންޓު ފީ (އޭޑީއެފް) ގެ ގޮތުގައި ދައުލަތަށް 1.7 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މި މުއްދަތުގައި ދައުލަތަށް ވަނީ 1.72 ބިލިޔަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ފީގެ ގޮތުގައި ލިބިފައިވަނީ 1.59 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރަށްވުރެ %8.17 އިތުރު އަދަދެކެވެ.

އޭޑީއެފްގެ އިތުރުން، ރާއްޖެއިން ބޭރަށް ފުރާ ފަރާތްތަކުގެ އަތުން ނަގާ ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް 1.70 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.56 ބިލިޔަން ރުފިޔާއެވެ. މިއީ %8.97 ގެ ކުރިއެރުމެކެވެ.

މި ތަފާސްހިސާބުތަކާއެކު، މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ޖުމްލަ 3.42 ބިލިޔަން ރުފިޔާ ދައުލަތަށް ވަނީ ބަލައިގަނެފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 3.15 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު ޖުމްލަ %8.57 ގެ އިތުރުވުމެކެވެ.

ދިވެހިރާއްޖޭގައި ޑިޕާޗަރ ޓެކްސް ނަގަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހުއެވެ.

ޤާނޫނުގައިވާ ގޮތުން މި ދެ ފީ ނެގުމުގައި ބައެއް އިސްތިސްނާތައް ކަނޑައަޅާފައިވެއެވެ. އެގޮތުން ޑިޕާޗަރ ޓެކުހުން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ އިތުރުން އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިންނެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުންނެވެ.

ދައުލަތުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އެއާޕޯޓުން ފުރާ ފަރާތްތަކުގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީ އެއްކޮށް ޖަމާކުރަމުން ދަނީ ރާއްޖޭގެ ސޮވެރިން ފަންޑަށެވެ. މީގެއިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ހިއްސާގެ ފައިދާއިން ދައުލަތަށް ދައްކާ ޑިވިޑެންޑާއި، އެއާޕޯޓުގެ ބައެއް ޚިދުމަތްތަކުގެ ފީތަކަށް ގެނައި ބަދަލުތަކުން އިތުރުވާ އާމްދަނީވެސް ސޮވެރިން ފަންޑަށް ޖަމާކުރަމުންދާ ކަމަށް މާލީ ވުޒާރާއިން ފާހަގަކުރެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *