މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، މުދާ ހިފައިގެން އަންނަ ބޯޓުފަހަރު އަވަހަށް ފުރުވާލުމުގެ މަގުސަދުގައި ތިލަފުށީ ބަނދަރުގައި ވަގުތީގޮތުން މުދާ ބޭލުމުގެ އޮޕަރޭޝަނެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށައިފިއެވެ.
މި އޮޕަރޭޝަނަކީ ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މައި މަޝްރޫއާ ސީދާ ގުޅުންހުރި ކަމަކަށް ނުވި ނަމަވެސް، މިއީ ވިޔަފާރިވެރިންނަށް މުދާ ލިބުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެޅި މުހިންމު ފިޔަވަޅެކެވެ.
މި ޚިދުމަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އަލީ ހާޝިމް ވިދާޅުވީ، މާލޭ ޕޯޓުގެ ކީވޯލްގައި އޮންނަނީ 101 މީޓަރު ކަމަށްވާތީ، އެއްފަހަރާ ކައިރިކުރެވެނީ އެންމެ ބޯޓަކަށް ކަމަށެވެ. އަދި ސްރީލަންކާއިން ގިނަ އަދަދަކަށް ކާގޯ އައުމުގެ ސަބަބުން މާލޭ ބަނދަރުގައި ގިނަ އަދަދެއްގެ ބޯޓުފަހަރު ކިއޫގައި މަޑުކުރަން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހާޝިމް ވިދާޅުވީ ތިލަފުއްޓަށް މުދާ އުފުލާ ކޮންޓެއިނަރުތައް ބޭލި ނަމަވެސް، އެތަނުން އަދި މުދާ ކްލިއަރެންސްގެ ޚިދުމަތެއް ނުދެވޭނެ ކަމަށެވެ. އެގޮތުން ތިލަފުއްޓަށް ބާލާ މުދާ ކްލިއާ ކުރުމަށްޓަކައި ބާޖު އަދި ކޮޅުވެއްޓި ފަދަ އުޅަނދުފަހަރުގައި މާލެއަށް ނުވަތަ ހުޅުމާލޭ ޕޯޓަށް ޓްރާންސްފަރ ކުރާނެ ކަމަށާއި، މުދާ ދޫކުރުމުގެ މަރުހަލާ ކުރިއަށްދާނީ ކުރިއެކޭވެސް އެއްގޮތަށް މާލޭ ނުވަތަ ހުޅުމާލޭ ޕޯޓުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަމައެކަނި ލޯޑްކޮށްފައި ހުރި ކޮންޓެއިނަރ މި ކޮޅަށް ޑިސްޗާޖު ކުރާނީ. މި ތަނުން ކްލިއަރެންސެއް އަދި ނުހިނގާނެ. ކާގޯ ކްލިއަރ ކުރަންވީމާ މާލެއަށް ބާޖުގައި ނޫނިއްޔާ ކޮޅުވެއްޓީގައި ޓްރާންސްޕޯޓު ކުރާނީ. ޓްރާންސްފާކޮށްފައި މާލެ ނޫނިއްޔާ ހުޅުމާލޭ ޕޯޓުން ކްލިއަރ ކުރާނީ. އެ ހަމަ ކުރީގައިވެސް އޮންނަ ގޮތަށް ކްލިއަރެންސް،" ހާޝިމް ވިދާޅުވިއެވެ.
އެމްޕީއެލުން ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނުގެ ސަބަބުން ބޯޓުފަހަރު ރާއްޖޭގައި މަޑުކުރަންޖެހޭ މުއްދަތު ދެބައިކުޅަ އެއްބަޔަށް މަދުވެގެންދާނެއެވެ. އާންމުކޮށް 500 އާއި 600 އާ ދެމެދުގެ އަދަދަކަށް ކޮންޓެއިނަރު ހިފައިގެން އަންނަ ބޯޓެއް ކިއޫގައި އޮންނަ ދުވަސްތަކާއެކު މުދާ ހުސްކުރުމަށް 7 ދުވަހާއި 8 ދުވަސް ހޭދަވި ނަމަވެސް، މި ބަދަލާއެކު ގާތްގަނޑަކަށް 3 ދުވަހުގެ ތެރޭގައި ބޯޓު އެއްކޮށް ހުސްކޮށްލެވޭނެއެވެ. އެގޮތުން ރޭ ތިލަފުށީ ބަނދަރަށް ކައިރިކުރި "ގެލީނާ" ބޯޓުގައި ހުރި 520 ކޮންޓެއިނަރު ހުސްކޮށް، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އަނބުރާ ފުރޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
ބޯޓުފަހަރު ބަނދަރުގައި އޮންނަ މުއްދަތު ކުރުވުމަކީ ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް އޭގެ ބޮޑު މާލީ ފައިދާއެއް ކުރާނެ ކަމެކެވެ. އެ ސައިޒުގެ ބޯޓަކަށް މުވައްޒަފުންގެ މުސާރައާއި، ތެލާއި، ފެނާއި އަދި އިންޝުއަރެންސް ހިމެނޭހެން ދުވާލަކަށް ގާތްގަނޑަކަށް 13،000 ޑޮލަރު ޚަރަދުވާއިރު، ބަނދަރުގައި ގިނަ ދުވަސްވުމުން ޖުމްލަ ޚަރަދު 75،000 ޑޮލަރާ ގާތްކުރެއެވެ. ނަމަވެސް ބޯޓު އަވަހަށް ފުރައިގެން ދިއުމުން މި ޚަރަދު ގާތްގަނޑަކަށް 38،000 ޑޮލަރަށް ކުޑަވެގެންދާނެއެވެ. ބޯޓުތަކުގެ ފްރޭޓް އަގުތައް ކަނޑައަޅަނީ މިފަދަ ޚަރަދުތަކަށް ބަލައިގެން ކަމަށްވާތީ، މިއީ ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ހެޔޮވުމަށްވެސް މަގުފަހިވާނެ ކަމެކެވެ.
މީގެ އިތުރުން ބޯޓުފަހަރުގެ ޓާން-އެރައުންޑް ވަގުތު އަވަސްވެ، މުދާ ގެނައުމުގެ ދައުރު ހަލުވިވެގެންދާނެއެވެ. އަދި ތިލަފުށީގައި މައި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އެ ރަށުން މުދާ ކްލިއާކުރުމުގެ ޚިދުމަތް ކުރިއަށް އޮތް އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްޕީއެލްއިން ވަނީ ހާމަކޮށްފައެވެ.

