ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ފާހަގަކޮށްލެވޭ އެއާލައިނެއް ކަމަށްވާ މަންޓާ އެއާ އިން ބޭނުންކުރަމުން އައި އޭޓީއާރު މަރުކާގެ މަތިންދާބޯޓުތަކުގެ އޮޕަރޭޝަންތައް އެއްކޮށް ހުއްޓާލައި، އެ ފްލީޓުގެ ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫން ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ.

އެ އެއާލައިނުން އޭޓީއާރު ފްލައިން އޮޕަރޭޝަންތައް ހުއްޓާލަން ނިންމާފައިވަނީ މި ހިނގާ މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ. މިކަން ހާމަކޮށް މަންޓާ އެއާގެ ޑެޕިއުޓީ ސީއީއޯ އަހުމަދު މައުމޫން ވަނީ އޭޓީއާރު ފްލީޓްގެ ހުރިހާ ފަޅުވެރިންނަށް ރަސްމީކޮށް ލިޔުމުން ނޯޓިސް ފޮނުއްވާފަ އެވެ.

މަންޓާ އެއާގެ މެނޭޖްމަންޓުން މުވައްޒަފުންނަށް ފޮނުވި ނޯޓިސްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަންގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްގެން ވެސް ވަޒީފާތައް ދަމަހައްޓަން ކުންފުނިން ގިނަގުނަ މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް، ވިޔަފާރީގެ މިހާރުގެ ހާލަތަށް ބަލާއިރު މި އޮޕަރޭޝަން އިތުރަށް ކުރިއަށް ގެންދެވޭނެ އެއްވެސް ދެމެހެއްޓެނިވި މަގެއް މިވަގުތު ނެތެވެ.

މިފަދަ ބޮޑު ނިންމުމެއް ނިންމަން ޖެހުނު މައިގަނޑު ދެ ސަބަބެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރަނީ:

  • ޕާކިސްތާނުގެ ސައުތު އެއާ އާއެކު ހަދާފައިވާ ވެޓް-ލީޒް އެއްބަސްވުން ނިމުމަކަށް އައުން.
  • އޭޓީއާރު ފްލީޓުގެ ބޯޓުތަކުގެ އިންޖީނުތަކަށާއި ޓެކްނިކަލް ގޮތުން ދިމާވަމުންދިޔަ މައްސަލަތައް އިތުރުވުން.

މަންޓާ އިން ބުނި ގޮތުގައި، މިއީ މުޅި އޮޕަރޭޝަން އެއްކޮށް ހުއްޓާލުމާ ގުޅިގެން ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މުވައްޒަފުން ވަކިކުރާ ވަކިކުރުމެކެވެ. އެހެންކަމުން މުވައްޒަފުން ވަކިކުރުމުގައި ވަކި ޚާއްސަ މިންގަނޑުތަކަކަށް (ސިލެކްޝަން ކްރައިޓީރިއާ) ބަލާފައި ނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް، މުވައްޒަފުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން، މި މަހުގެ 18 ވާ ދުވަހުގެ ހަވީރު 5:00 ގެ ކުރިން އަމިއްލައަށް އިސްތިއުފާ ދިނުމުގެ އިޚްތިޔާރު ވަނީ ދީފަ އެވެ. އަދި އެ މުއްދަތުގައި އިސްތިއުފާދޭ މުވައްޒަފުންނަށް، ވަޒީފާއިން ވަކިކުރުމުގެ ނޯޓިސްގެ މުއްދަތުގައި ލިބެންޖެހޭ އެންމެހައި ފައިސާ ވެސް އެއްބަސްވުމުގެ ދަށުން ދޭނެ ކަމަށް ކުންފުނިން ޔަގީންކަން ދެ އެވެ.

މިއީ ކްރޫންގެ މަސައްކަތުގެ ފެންވަރާ މެދު ސުވާލު އުފެދިގެން ނިންމި ނިންމުމެއް ނޫންކަން ފާހަގަކޮށް، ދަތި ދަނޑިވަޅުތަކުގައި ވެސް މުވައްޒަފުން ކޮށްދިން ޚިދުމަތަށް މަންޓާގެ މެނޭޖްމަންޓުން ވަނީ ޝުކުރު އަދާކޮށް މާފަށް އެދިފަ އެވެ. އަދި ވަޒީފާ ގެއްލޭ މުވައްޒަފުންގެ ފަހު މުސާރައާއި ލިބެންޖެހޭ އިނާޔަތްތައް ހަމަޖެއްސުމަށް އެޗްއާރް ޑިޕާޓްމަންޓުން ވަކިވަކިން ގުޅައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މަންޓާ އެއާ އިން އެންމެ ފުރަތަމަ އޭޓީއާރު ބޯޓުތަކުގެ ދަތުރުތައް ފެށީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދ. ކުޑަހުވަދޫ އެއާޕޯޓަށެވެ. އޭގެ ފަހުން އެ ކުންފުނިން ވަނީ ބ. ދަރަވަންދޫ، ޅ. މަޑިވަރު، ގއ. ކޫއްޑޫ އަދި ރ. އިފުރަށް ވެސް ދަތުރުތައް ފުޅާކޮށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ދީފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *