ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ހުއްޓިފައި އޮތް ހުޅުމާލޭގެ ވޯޓަރ ތީމް ޕާކު މަޝްރޫއަށް ގާތްގަނޑަކަށް ނުވަ އަހަރަށް ފަހު އާ ދިރުމެއް ގެނެސް، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަލުން ފަށައިފިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2017 ވަނަ އަހަރު ކަމަށް ވިޔަސް، އެކި ސަބަބުތަކާ ހުރެ މަސައްކަތް ވަނީ މެދުކެނޑިފައެވެ. ނަމަވެސް، މިހާރު މި މަސައްކަތް އަލުން ފަށާފައިވަނީ ޒަމާނީ ފެންވަރުގެ ބައިނަލްއަގުވާމީ ރިސޯޓް ހޮޓަލަކާ އެކު ތަރައްގީކުރާ ފުރިހަމަ، ފުޅާ މާސްޓަރ ޕްލޭނެއްގެ ދަށުންނެވެ. ސޮލެންޒަރާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫއު ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ޖުމުލަ 41,549.7 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ދެ ބަޔަކަށް ބަހާލައިގެން ތަރައްގީކުރާ މި މަޝްރޫއަކީ ދިވެހި އާއިލާތަކަށާއި ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހުޅުމާލޭގެ އައްސޭރިފަށުން ތަފާތު ތަޖުރިބާއެއް ގެނެސްދޭނެ މުހިންމު ބިނާއެކެވެ.

ހުޅުމާލެ ވޯޓަރ ތީމް ޕާކު

މި މަޝްރޫއުގެ ފުރަތަމަ ބައިގެ ގޮތުގައި 17,800 އަކަމީޓަރުގެ ސަރަހައްދެއްގައި ވޯޓަރ ތީމް ޕާކު ތަރައްގީކުރަނީ މޫދާއި ގުޅިފައިވާގޮތަށް ހުޅުމާލޭ އަތިރިމަތީގެ ހިތްގައިމު މާހައުލުގައެވެ. މި ތަނުގައި މައިގަނޑު 11 ވޯޓަރ އެޓްރެކްޝަނާއި، ހިދުމަތްދޭ 30 ވަސީލަތެއް ހިމެނެއެވެ. އޭގެ ތެރޭގައި 8 ވޯޓާ ސްލައިޑް ހިމެނޭ ބޮޑު ކޮމްޕްލެކްސްއަކާއި، ފޯރިގަދަ 'ޓޯނޭޑޯ ސްލައިޑް’، 290 މީޓަރުގެ ދިގު 'ލޭޒީ ރިވަރ’، 900 އަކަމީޓަރުގެ 'ނިއުމެޓިކް ވޭވް ޕޫލް’، 1,900 އަކަމީޓަރުގެ 'ސްޕްލޭޝް ޕެޑް' އަދި 'ވޯޓަރ ހައުސް' ހިމެނެއެވެ.

މީގެއިތުރުން، އާއިލާތަކާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން 'ކިޑްސް ބޫމަރޭންގް ސްލައިޑް’، 'ޓޮޑްލަރ ޕޫލް’، 'ކިޑްސް ސްލައިޑްސް' އަދި އަރާމުކޮށްލުމަށް 200 އަކަމީޓަރުގެ 'ސްޕާ ޕޫލް' އެއް ވެސް ގާއިމުކުރެވޭނެއެވެ. އަދި މޫދު ފެންނަ ގޮތަށް އޮންނަ 230 އަކަމީޓަރުގެ 'އިންފިނިޓީ ބަބްލް ޕޫލް’އަކާއި، މޫދު މަތީގައި އޮންނަ 'އިންފްލޭޓަބަލް ޗެލެންޖް ގޭމްސް’، ކޯސްޓަލް ވޯޓަރ ސްލައިޑް، 'އޯވަހޭންގިންގ ވިއުއިންގ ޕްލެޓްފޯމް' އަދި ޕްރައިވެޓް ވެކޭޝަން ކޮޓޭޖްތައް ހިމެނެއެވެ.

މި ސަރަހައްދުގައި 1,120 އަކަމީޓަރުގެ މައި ކޮމްޕްލެކްސް އިމާރާތެއް އަޅާއިރު، 5 ފަންގިފިލާގެ އޮފީސް އަދި މުވައްޒަފުންގެ އެކޮމޮޑޭޝަން އިމާރާތަކާއި، ރެސްޓޯރެންޓަކާއި ފޮޓޯ ނަގާ ހާއްސަ ތަންތަނުގެ އިތުރުން މަލްޓިމީޑިއާ ޒޯނާއި ޕާކިންގ ޖާގަތައް ވެސް ހެދިގެންދާނެއެވެ.

’ވޯކޯ ރިސޯޓް ހޮޓެލް'

މަޝްރޫއުގެ ދެވަނަ ބައިގެ ގޮތުގައި 23,749.7 އަކަމީޓަރުގެ ސަރަހައްދެއްގައި ތަރައްގީކުރާ މި ހޮޓަލުގައި ޖުމުލަ 250 ކޮޓަރިއާއި ސުއިޓް ހިމެނެއެވެ. އަދި 95 ސާވިސްޑް އެޕާޓްމަންޓާއި، ދިގު މުއްދަތަށް ކުއްޔަށް ދޭ 15 ލޯންގް-ސްޓޭ އެޕާޓްމަންޓްގެ އިތުރުން ބީޗްފްރަންޓް 3 ހޮޓެލް ވިލާ ހިމެނެއެވެ.

މީގެ އިތުރުން 2,942 އަކަމީޓަރުގެ ރީޓެއިލް ވިޔަފާރި ޖާގައާއި، ސްޓޯލް ކުއްޔަށް ދޫކުރާ ވައިރަލް މާކެޓަކާއި، 3,550 އަކަމީޓަރުގެ 6 ފަންގިފިލާ އަދި 3 ފަންގިފިލާގެ ދެ އޮފީސް އިމާރާތް އަލަށް ތަރައްގީކުރާނެއެވެ. މިހާރު ހުރި އިމާރާތްތައް މަރާމާތުކޮށް ބޭނުންކުރަން ނިންމާފައިވާއިރު، މި އިމާރާތްތަކުގެ ބޭސްމަންޓްގައި 61 ކާރާއި 230 ސައިކަލު ޕާކުކުރެވޭނެ ޒަމާނީ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދީގެން، ހުޅުމާލޭގައި އެކި ސަބަބުތަކާ ހުރެ ދިގުލައިގެން ގޮސް ހުއްޓިފައި ހުރި ބޮޑެތި މަޝްރޫއުތައް ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް މި މަޝްރޫއު އަލުން ފެށުމުން ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.

މި ސިޔާސަތުގެ ދަށުން، ގާތްގަނޑަކަށް 21 އަހަރު ވަންދެން ހުއްޓިފައި އޮތް ސިޓީ ހޮޓެލް މަޝްރޫއު ނިންމައި މިހާރު ވަނީ ހިދުމަތް ދޭން ފަށާފައެވެ. އަދި 2017 އިން ފެށިގެން ހުއްޓިފައި އޮތް ރީތިގަސް މަޝްރޫއު ނިންމައި މީހުން ދިރިއުޅެން ފަށާފައިވާއިރު، 'ދި ގާޑަން' މަޝްރޫއު ނިންމުމުގެ އިތުރުން، 2018 ވަނަ އަހަރުން ފެށިގެން ބޭނުން ނުކޮށް ހުރި ވާޓިކަލް ޕާކިން ނިޒާމުތައް އަލުން ރީކޮމިޝަންކޮށް ބޭނުންކުރަން ފެށުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.

ޒަމާންތަކަކަށް ފަޅުވެ، ހުއްޓިފައި ހުރި ބިނާތަކަށް އަލުން ދިރުން ގެނެސްދީ، ހުޅުމާލެއަކީ ދިރިއުޅުމަށާއި ވިޔަފާރިއަށާއި ފަތުރުވެރިކަމަށް އެންމެ ފަހި، ފުރިހަމަ ޒަމާނީ ސިޓީއަކަށް ހެދުމުގެ އަމާޒަށް ވާސިލުވުމަށް އެޗްޑީސީން އަންނަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *